05 Apr 2016, 15:30
މި ހިނގާ 2016 ވަނަ އަހަރު ބޭނުންކުރާނެ ހާއްސަ ޝިއާރެއް ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކިއެކި ލިޔުންތަކުގައި ހާއްސަ ޝިއާރެއް ބޭނުންކުރުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
މި އަހަރަށް ރައީސް ޔާމީން ކަނޑައަޅުއްވާފައިވާ ޝިއާރަކީ، "ސުލްހަވެރިކަން ރައްޔިތުންނަށް – ސަމާލުކަން ތަހުޒީބަށް" އެވެ.
އެ ޝިއާރު ބޭނުންކުރުމަށް އަންގާފައި ވަނީ މި އަހަރުގެ ތެރޭގައި އެކަންޏެވެ.
ރައީސް އޮފީހުން ބުނީ އެ ޝިއާރުގެ ތައްގަނޑެއް ހެދުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީ އިން ސަރުކާރުގެ އޮފީސްތަކަށް މައުލޫމާތު ދޭނެ ކަމަށާއި، މައުލޫމާތު ލިބުމުން، އެ ޝިއާރުގެ ތައްގަނޑު ހަދައި، މި އަހަރުގެ ތެރޭގައި އެ ޝިއާރު ބޭނުންކުރަމުން ގެންދިއުމަށް ދަންނަވާ ކަމަށެވެ.