މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ އަށް ހުށަހަޅައި ކުށްކުރުން ހުއްޓުވުމަށްޓަކައި ވަކި މުއްދަތަކަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލް ނުވަތަ ސަންސެޓް ގާނޫނުން ފުލުހުންނަށާއި ފަނޑިޔާރުންނާއި ޕްރޮސިކިއުޓާ ޖެނެރަލަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަށާރަ މަސް ދުވަސް ވަންދެން އަމަލުކުރަން ޖެހޭ ގޮތަށް އޮތް އެ ސަންސެޓް ގާނޫނުގެ ދަށުން ގާނޫނު އަސާސީން ލިބިދޭ ގިނަ ހައްގުތަކެއް ވަނީ ހަނިކޮށްފަ އެވެ. އެ ހައްގުތައް ހިފެހެއްޓުމުގެ ބޭނުމަކީ ކުށްވެރިން މުޖުތަމައަށް ދޫވިޔަ ނުދީ ފިޔަވަޅު އެޅޭނެ ގޮތްތަކެއް ހޯދުން ކަމުގައި އެ ބިލުގައި ބުނެ އެވެ.

މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ހަމަވިއިރު އެ ބިލަށް މުހިއްމު އިސްލާހްތަކެއް މެމްބަރުން ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.

ސަންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު މިއަދު ވިދާޅުވީ، ގާނޫނު އަސާސީން ހަނު ހުރުމުގެ މިނިވަންކަން ލިބިދީފައި ވީނަމަވެސް އެ ބިލުގައި ހަނުހުރުން މަނާ ކުރެވޭނެ ގޮތެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ކުށުގެ ތުހުމަތުގައި ކޯޓު އަމުރަކާ ނުލައި 24 ގަޑިއިރަށްވުރެ ދިގު މުއްދަތެއްގައި މީހަކު ނުހިފޭއްޓޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވީނަމަވެސް ހަތް ދުވަސްވަންދެން ތަހުގީގުގައި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އެފަދަ ކަންތައްތަކެއް މި ބިލުގައި ހިމެނިފައި ވީނަމަވެސް އެ ބިލު ގާނޫނުއަސާސީއާ ތައާރުޒުވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މި ބިލަށް ހުށަހެޅިފައިވާ އިސްލާހް ބުނާގޮތުން، ބިލުގެ ހަތަރުވަނަ މާއްދާގައި ބުނެފައިވާ ކުށަކާ ގުޅިގެން ފުރަތަމަ ފަހަރު މީހަކު ބެހެއްޓޭނެ ހަތް ދުވަހު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަތް ދުވަހަކީ އެކުށުގެ ބާވަތްތަކަށް ބަލާއިރު އެކަށީގެންވާ މުއްދަތެއް. ގާނޫނު އަސާސީގެ އަސާސީ ހައްގު ތަކާއި މިނިވަން ކަމުގެ ބާބުގެ ހައްގުތައް ކަށަވަރު ކޮށްދޭ މާއްދާގައި ބުނަނީ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފޭއްޓޭނީ ވަކި މިންގަނޑެއްގެ ދަށުންނޭ. އޭގަ ބަލަން މިޖެހެނީ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތާއި އެ ހައްގުތައް ހިފެހެއްޓުމުގެ ބޭނުމާއި މުހިއްމު ކަމުގެ މައްޗަށާއި ގޮތާ މިންވަރަށް. އެކަންތައްތަކަށް ބަލާއިރު މިވަގުގެ ހާލަތަށް ބަލާއިރު ގަބޫލެއް ނުކުރަން ގާނޫނު އަސާސީގައި ހައްގުތައް ކަށަވަރުކޮށްދޭ (16 ވަނަ) މާއްދާގެ ބޭރުން ހިފެހެއްޓޭ ކަމަކަށް. އަޅުގަނޑު ދެކެނީ އެއީ ގާނޫނުގެ އިމުގެ ތެރެއިން ހިފޭއްޓޭ ހައްގެއް ކަމަށް. އަދި އެ އިސްލާހްތަކާއެކު ފާސްވެއްޖެއްޔާ ކޯޓެއްގައި ބަޔަކު ޗެލެންޖް ކުރި ނަމަވެސް އަޅުގަނޑުމެންނަށް އެ ގާނޫނު ދިފާއު ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ދެ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައިވެސް މީހުންގެ ގެދޮރަށް ވަނުމުގެ ބާރު އެ ގާނޫނުން ފުލުހުންނަށް ލިބިދޭ ކަމަށެވެ. އެގޮތުން ހެކި ނައްތާލަފާނެ ކަމަށްޓަކައި މީހުންގެ ގެދޮރަށް ފުލުހުންނަށް ވަދެވޭނެ ކަމަށާއި، މީހަކު ކުށެއް ކުރާކަން ކަށަވަރު ކުރުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މުސްތަގިއްލު ކޮމިޝަން ތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގެކޮޅަށް ފުލުހުންނަށް ވަދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އެ ބިލުގައި ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ލުއި ގޮތަކަށް ކުށްވެރިންނަށް ޖަލުން ނިކުމެވޭ މައްސަލައަށް ވެސް މި ބިލުގައި ހައްލު ކަނޑައަޅާފައިވާ ކަމަށެވެ.

"ވަކި ހަމައެއްނެތި ޖަލުން މީހުން ނިކުމެގެންދާ ކަމަށް ވެއްޖެއްޔާ އެކަމަށް ޒިންމާވާ މީހުންނާ މެދުގައި ފިޔަވަޅު އެޅޭގޮތަށް މިބިލު ބައްޓަން ކުރެވިފައި ވަނީ. ގާނޫނުގައި ބުނާގޮތުން ޖަލުގެ ބަންދުގައި ހުންނަންޖެހޭ މީހަކު ގާނޫނުގައި ހުއްދަވެގެންނުވާ ގޮތަކަށް ބޭރުވެއްޖެނަމަ، އޭނާ ޖަލުންދޫކުރި މީހާ އާއި ޖަލުންދޫކުރުމުގައި އެހީތެރިވި މީހާ އާއި އެކަން ކުރުމުގައި ބައިވެރިވި މީހާ އާއި އޭނާ ޖަލުން ދޫކުރަން އަމުރުކުރި މީހާ ވެސް ކުށްވެރި ވާނެ. އެ ޖަލު ބެލެހެއްޓުމުގެ މަސްއޫލިއްޔަރު ހަވާލު ކުރެވިފައިވާ މީހާ ޒިންމާ ވާންޖެހޭނެ. އެމީހާއަށް އެކަން ހުއްޓުވުމުގެ ބާރު ލިބިގެން ވުމާއެކު އެކަން ހުއްޓުވަން ނުވަތަ އެކަން މަނާ ކުރުމަށް ނުވަތަ އެކަން ވިޔަ ނުދިނުމަށް ފިޔަވަޅެއް އަޅާފައި ނުވާނަމަ އެކަން ކުށްވެރިވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ނުރައްކާތެރި ކުށްކުރުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލްގައި ވަނީ ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ހައްގު ވެސް ހަނިކޮށްފަ އެވެ. އެ ގޮތުން ބިލްގައި ބުނެފައިވާ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރިތާ 96 ގަޑިއިރު ވަންދެން އެ މީހެއްގެ ވަކީލާ ބައްދަލު ކުރެވެނީ ނުވަތަ މުއާސަލާތު ކުރެވެނީ ފުލުހެއްގެ ހާޒިރުގަ އެވެ. ހައްޔަރުކުރާ މީހާއާ ވަކީލަށް އެކަނި ބައްދަލުކުރެވެނީ ބިލްގައިވާ ގޮތުން އެ 96 ގަޑިއިރު ފާއިތުވުމުންނެވެ.

މި ބިލުގެ ދަށުން އަމަލުކުރެވޭނީ ސީރިއަސް މަދު ކުށްތަކަކަށެވެ. އެއީ ގަސްދުގައި މީހަކު މެރުމާއި މާރާމާރީ ހިންގުމުގެ ސަބަބުން މީހަކު މަރުވުމާއި މާރާމާރީ ހިންގުމުގެ ސަބަބުން ގުނަވަނެއް ނެތި ދިއުމާއި މާރާމާރީ ހިންގުމުގެ ސަބަބުން މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވުމާއި މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު މާރާމާރީއެއް ހިންގުމާއި ކުށުގެ ވެއްޓެއްގައި ނުރައްކާތެރި ހަތިޔާރާ އެކު ބާރު ދެއްކުމާއި މީހަކު މަރާލެވޭ ފަދަ އެއްޗަކާ އެކު ނުވަތަ ނުރައްކާތެރި ހަތިޔާރާ އެކު ވައްކަން ކުރުމާއި އަދި ފޭރުމެވެ.

އަދި އެކަކަށް ވުރެ ގިނަ މީހުން ބައިވެރި ވެގެން ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރު ދައްކައިގެން ވައްކަން ކުރުމާއި ފޭރުމާއި ތަނެއް ނުވަތަ އެއްޗެއް ހަލާކުކޮށްގެން ވައްކަން ކުރުމާއި ވައްކަން ކުރުމުގަ އާއި ފޭރުމުގައި ހަތިޔާރު ގެންގުޅުމާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގައި ބަޔާން ވެގެންވާ ކުށްތައް ކުރުމާއި މީހަކު ކިޑްނެޕް ކުރުން ނުވަތަ ގަދަކަމުން ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމުގެ ކުށް ވެސް ހިމެނެ އެވެ. މީގެ އިތުރުން ވަކި ކަމެއް ކޮށްފާނެ ކަމުގެ ބިރު ދައްކައިގެން މާލީ ފައިދާއެއް ނުވަތަ އެ ނޫން ވެސް މަންފާއެއް ހޯދުން ނުވަތަ ހޯދަން އުޅުމާއި ގަދަކަމުން ބަދުއަހުލާގީ އަމަލުކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ތިން ގްރާމަށް ވުރެ ގިނައިން އަތުގައި ބެހެއްޓުން ވެސް ހިމެނެ އެވެ.

ގާނޫނު އަސާސީގެ ދަށުން ލިބިދޭ ގިނަ ހައްގުތަކެއް ހަނިކޮށް، އަދި ހިފެހެއްޓޭ ގޮތަށް މި ބިލު އެކުލަވާލައިފައި އޮތުމާ ގުޅިގެން ގިނަ މެމްބަރުންނެއް ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ބިލު ފާސްކުރުމާމެދު ވެސް ވަނީ ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވެފަ އެވެ.