05 Apr 2016, 15:08
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން ކަވަރުކޮށްފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސައިކަލެއް ވަގަށް ނެގުމުން އޭގެ ބަދަލު ދީފި އެވެ.
ކޮމްޕްރިހެންސިވް މޮޓޯ ތެފްޓް ޕްލޭނެއް ނަގާފައިވާ އިސްލާމިކް ބޭންކަށް ބަދަލު ހަވާލުކޮށްދެއްވާފައި ވަނީ، އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ އެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ބަދަލާއި ހަވާލުވެލެއްވީ އެކުންފުނީގެ މާކެޓިން އެންޑް ކޯޕަރޭޓް އެފެއަޒް މެނޭޖަރު މުހައްމަދު ޝަފާއު ހަސަން އެވެ.
އިންޝުއަރަންސް ޕްލޭންގެ ގަވައިދުގައިވާ ގޮތުގެ މަތިން އިސްލާމިކް ބޭންކަށް ބަދަލު ލިބިފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތައް ވެހިކަލް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވިކަން ފުލުހުން ޔަގީންކޮށްދިނުމާ ގުޅިގެންނެވެ.
އެކަމާ ގުޅޭ ގޮތުން މެނޭޖަރު ނިޒްމާ ވިދާޅުވީ އެ ކުންފުނިން ސައިކަލު ގެއްލުމާއި ގުޅިގެން އަމަލުކުރައްވާފައި ވަނީ ނަމޫނާ ގޮތަކަށް ކަމަށެވެ. އެގޮތުން އަބަދުވެސް އިލްތިމާސް ކުރައްވަމުން އަންނަ ގޮތަށް، ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ފަހު ސައިކަލު ގެއްލުންކަން އަޔާދީއަށް ވެސް ވަގުތުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ މޮޓޯ ތަކާފުލްއަކީ މައިގަނޑު ދެބައެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އިންޝުއަރަންސެކެވެ. އެއީ ސަރުކާރުން ނެގުން ލާޒިމްކޮށްފައިވާ ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް އަދި ކޮމްޕްރިހެންސިވް މޮޓޯ ނުވަތަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހުރިހާ ގެއްލުމަކަށް ބަދަލު ލިބޭ ޕޮލިސީ އިންޝުއަރަންސެވެ.
އޭގެ އިތުރުން ކޮމްޕްރިހެންސިވް ޕްލޭންގައި ތެފްޓް ކަވަރު އިތުރު ކުރުމުގެ ފުރުސަތު ލިބިދެ އެވެ. އޭގެ ސަބަބުން ކަވަރު ކުރުމަށް ފަހު ވެހިކަލް ގެއްލިއްޖެ ކަމުގައިވާ ނަމަ، ސައިކަލުގެ ޖުމްލަ އަގު ބަދަލެއްގެ ގޮތުގައި ލިބެ އެވެ. ނަމަވެސް އެއީ ކަނޑައަޅާފައިވާ ކުޑަ މިންވަރެއް ކެނޑުމަށްފަހު އެވެ.
އެ ކުންފުނިން ބުނީ އެޕޮލިސީ އާއި އެހެނިހެން ތަކާފުލް ޕްލޭންތަކުގެ މައުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ހ.އޯކިޑް، އެއްވަނަ ފަންގިފިލާގައި ހުންނަ އަޔާދީ އޮފީހަށް ވަޑައިގެންނެވުމުން ނުވަތަ ހޮޓްލައިން 3018000 އަށް ގުޅުމުން މައުލޫމާތު ލިބޭނެކަމަށެވެ.