05 Apr 2016, 15:55
ކެންސަރު ބައްޔަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯ ތެރަޕީގެ ހިދުމަތް ވަރަށް އަވަހަށް ހުޅުމާލެ ހޮސްޕިޓަލްގައި ފައްޓަވާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވެއްޖެ އެވެ.
ސިއްހީދާއިރާ ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެންސްޕާ އާއި އެސްޓީއޯ އާއި އާސަންދަ، މި ތިން ކުންފުނިން އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު އެސްޓީއޯ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލަށް ގިނަ ކުރިއެރުންތަކެއް ގެނެސްދޭން އެ ކުންފުނިން މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުން މުޖުތަބާ ވިދާޅުވީ، މިހާރު ވެސް ދިވެހިން އެންމެ ބޮޑު އެއް ހޭދައެއް ކުރަމުން އަންނަ ކެންސަރުބައްޔަށް، ކުރިއަށް އޮތް ހައެއްކަ މަސް ދުވަސް ތެރޭގައި ކީމޯ ތެރަޕީ ދޭން ފެށިގެންދާނެ ކަމަށެވެ. މުޖުތަބާ ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެކަންތައް އެސްޓެބްލިޝް ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭގެ ސަބަބުން ކެންސަރުބަލި ޖެހިގެން ރާއްޖެ އިން ބޭރުގައި ދިވެހިން ހޭދަކުރާ ވަގުތުތަކާއި ހަރަދުތައް ކުޑަވެ، ރާއްޖޭގައި ތިބެގެން ފަރުވާ ލިބެނެ ކަމަށާއި ގިނަ ރައްޔިތުން ތަކަކަށް އޭގެ މަންފާ ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެންސަރު ބައްޔަށް ކުރާ ފަރުވާގެ އިތުރުން ކަށީގެ ބަލިތަކަށް ކުރާ ފަރުވާތައް ވެސް ހުޅުމާލެ ހޮސްޕިޓަލުން ދާދި އަވަހަށް ލިބިގެންދާނެ ކަމަށެވެ.