05 Apr 2016, 14:46
ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރާނެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00 ގައި ފަށާ މެޗުގައި އެއްކޮޅުން ނުކުންނަ މާޒިޔާ އަކީ އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަނުންނެވެ. އަދި ނިއު ރޭޑިއަންޓަކީ އެންމެ ފަހުގެ ލީގު ޗެމްޕިއަނުންނެވެ.
މި މެޗަށް ނުކުންނައިރު، މާޒިޔާ އަކީ އެންމެ ފަހުގެ ޗެރިޓީ ޝީލްޑް އުފުއްލާލި ޓީމެވެ. އެއީ މިހާތަނަށް އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ޗެރިޓީ ޝީލްޑެވެ. ނިއު ރޭޑިއަންޓް ވަނީ 2013 އަދި 2014 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން
ފާއިތުވި ތިން އަހަރު ވެސް ޗެރިޓީ ޝީލްޑު މެޗުގައި ބައްދަލުކޮށްފައިވަނީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ. ފެބްރުއަރީ 2013 ގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ކުޅުނު ޗެރިޓީ ޝީލްޑް މެޗު 3-1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ނިއު ރޭޑިއަންޓެވެ. އެ މެޗުގައި މާޒިޔާއަށް އަހްމަދު ރަޝީދު (އައްމަޑޭ) ލީޑު ނަގައިދިން ނަމަވެސް، ފަހަތުން އަރައި ނިއު މޮޅުވީ އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ލަނޑާއި، މުހައްމަދު އުމައިރު ޖެހި ދެ ލަނޑުންނެވެ.
ޖޫން 2013 ގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު ވެސް 3-1 ލަނޑުން ކާމިޔާބުކުރީ ނިއު ރޭޑިއަންޓެވެ. އެ މެޗުގައި ނިއު ރޭޑިއަންޓުން ފުރަތަމަ ތިން ލަނޑުޖަހައި ލީޑު ނެގި އެވެ. ނިއުއަށް ޝަމްވީލް ގާސިމް (ބޮންޑާ) ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މާޒިޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.
މިދިޔަ އަހަރުގެ އޭޕްރީލްގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް އަތުން 2-0 ލަނޑުން މޮޅުވީ މާޒިޔާ އެވެ. އެ މެޗުގައި މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް އާއި އަހްމަދު ނާޝިދު (ނައްޓޭ) އެވެ.
މިރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ނިއު މޮޅުވެއްޖެނަމަ، ޗެރިޓީ ޝީލްޑްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭނެ އެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ޗެރިޓީ ޝީލްޑް މެޗު އެންމެ ގިނައިން ކާމިޔާބުކޮށްފައި ވަނީ ވީބީ އައްޑޫ އެފްސީ އެވެ. ވީބީން ވަނީ ތިން ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. އެއީ 2010، 2011 އަދި 2012 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑެވެ.
މާޒިޔާއިން މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލަނީ -- ސަން ފައިލް ފޮޓޯ
ވީބީން ތިން ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، ނިއު ރޭޑިއަންޓް ދެ ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އެވެ. މާޒިޔާއިން އެއް ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވާއިރު، ދެން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ޓީމަކީ ކްލަބު ވެލެންސިއާ އެވެ. ވެލެންސިއާ އިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ.
މާޒިޔާ އާއި ނިއު ރޭޑިއަންޓަކީ 2012 ވަނަ އަހަރުން ފެށިގެން ދިވެހި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ޓީމެވެ. ނިއު ރޭޑިއަންޓަކީ ދިވެހި ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ޓީމެވެ. އަދި މާޒިޔާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ފުޓްބޯޅައިގައި އަރައިގެން ދިޔަ ނަމެކެވެ.
މިރޭގެ މެޗަށް ނުކުންނައިރު، މާޒިޔާ ފެނިގެންދަނީ މޮޅެތި އަދި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއްގެ ގޮތުގައެވެ. މި ސީޒަނުގައި އެޓީމު ވަރުގަދަ ކުރުމަށް ގެނައި ކުޅުންތެރިންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އަސްހަދު އަލީ (އަޑުބަރޭ) އާއި އިސްމާއިލް އީސާ (މެސީ) އެވެ. އެ ކުޅުންތެރިންގެ އިތުރުން ވެސް މާޒިޔާގައި ނަން މަޝްހޫރު އަދި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. މާޒިޔާގެ ކޯޗަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ އަލީ ސުޒޭން އެވެ.
ނިއު އިން އެންމެ ފާހަގަކޮށްލެވެނީ އެ ޓީމުގެ ކޯޗު ޔޮރްދާން ސްޓޮއިކޯވް އެވެ. އޭނާއަކީ ދިވެހި ފުޓްބޯޅައިގައި ފެނުނު އެންމެ ކާމިޔާބު އެއް ބިދޭސީ ކޯޗެވެ. ނިއު އަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އަލުން މި ސީޒަނުގައި އެކްލަބަށް އިރުޝާދުދޭ އިރު، އެ ޓީމުގައި ގިނައިން ހިމެނެނީ ޒުވާން ކުޅުންތެރިންނެވެ.