ސިއްހީ ދާއިރާ އަށް އެކިއެކި ގޮތްގޮތުން ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާއި ސިއްހީދާ އިރާ ކުރިއެރުވުމުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާސަންދަ އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ތިން ކުންފުނިން މިއަދު ސޮއިކުރީ އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އެންސްޕާގެ ފަރާތުން ސީއީއޯ މުޖުތަބާ ޖަލީލު ސޮއިކުރެއްވި އިރު އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު އެވެ.

ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ، އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އާސަންދައިގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލް މެނޭޖްކުރާ އިރު، އެތަނަށް ބޭނުންވާ އެކިއެކި ސާމާނު އެސްޓީއޯ އިން އެ ކުންފުންޏަށް ސަޕްލައިކޮށްދިނުން ކަމަށެވެ.

ޝަހީރު ވިދަޅުވީ މިހާރު ވެސް އެ ތިން ކުންފުނިން މަސައްކަތް ކުރަނީ ގުޅިގެން ކަމަށެވެ. ނަމަވެސް މީގެކުރިން އެކަމުގެ ލިޔުމެއް ނޯންނަކަމަށް ޝަހީރު ވިދާޅުވި އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ވިދާޅުވީ، އެ ކުންފުނިތަކުން ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ އަށް ގެންނަ ބޭހުގެ އަގު އެއްވަރެއްގައި ހިފަހައްޓައި ބޭސް މެދުނުކެނޑި ބޭސްފިހާރަތަކަށް ލިބޭނެ ގޮތަކަށް މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.