ފުލުހުންނާއި ސިފައިންނަށް ރިޓަޔަމަންޓް އިނާޔަތް ލިބޭ އުސޫލު ބަދަލުކުރުމަށް ފުލުހުންނާއި ސިފައިންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ދެ އިސްލާހުވެސް މަޖިލީހަށް ބަލައިގެންފި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު، ފުލުހުންނާއި ސިފައިންގެ ގާނޫނަށް ވަކިން ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގެ ދަށުން ޝަރަފްވެރިކަމާ އެކު ފުލުހުންގެ ނުވަތަ ސިފައިންގެ ވަޒީފާއިން ވަކިވާ މީހުންނަށް އިނާޔަތްތައް ދޭން ނިންމުމުގެ ބާރު ހޯމް މިނިސްޓަރަށް އޮތަސް، އެފަދަ މީހަކު ރައްޔިތުން އިންތިހާބު ކުރާ ސިޔާސީ މަގާމެއްގައި ހުރި ނަމަ، އެ މުއްދަތުގައި ގާނޫނުގެ ދަށުން އެއްވެސް އިނާޔަތެއް ނުވަތަ އިމްތިޔާޒެއް އެ މީހަކަށް ނުލިބޭނެ ކަމަށެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ފާސްވީ، 44 މެމްބަރުންގެ ތާއީދާއެކު އެވެ. އިސްލާހާ ދެކޮޅަށް 23 މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ސިފައިންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ފާސްވީ 46 މެމްބަރުންގެ ތާއީދާ އެކު އެވެ. ބިލާ ދެކޮޅަށް 22 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ، އެ ދެ އިސްލާހަކީވެސް ވަކި ބަޔަކަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށާއި އިސްލާހަށް އެއްގޮތަކަށްވެސް ތާއީދު ނުކުރައްވާ ކަމަށެވެ.

"މަޖިލީހުން އަބަދުވެސް މިފެންނަނީ ވަކި މީހަކަށް ވަކި ބަޔަކަށް ޒާތީ ގޮތުން ގާނޫނު ހަދާތަން. މިވެސް އެފަދަ ގާނޫނެއް. މި އުޅެނީ ކާނަލް ނާޒިމާއި ކުރީގެ ސީޕީ ރިޔާޒާއި ކުރީގެ މާލޭ އޭރިއާގެ ކޮމާންޑަރ އިބްރާހީމް މުހައްމަދު ދީދީ ފަދަ ބޭފުޅުންގެ އިނާޔަތް ކަނޑާލަން،" މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވި އެވެ.

އަދި ބިލު ހުށަހަޅާފައިވާ ގޮތުން ހަމަހަމަކަން ގެއްލޭ ކަމަށްވެސް ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ޑަބަލް ޕެންޝަން ދިނުމަށް ތާއީދެއް ނުކުރަން. އެކަމަކު އިންތިހާބު ކުރެވޭ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޕެންޝަން ކަނޑާފަ، ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ޕެންޝަން ނުކަނޑާ ގޮތަށް އޮވެގެން ނުވާނެ. އެންމެންނަށް އެއްގޮތަކަށް އަމަލު ކުރުން މުހިއްމު" މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ، ބިލަކީ މުހިންމު ބިލެއް ކަމަށާއި، މަގާމުން ވަކިވުމަށްފަހު ސަރުކާރު ބަދުނާމު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިނާޔަތް ދޭން ނުޖެހޭ ކަމަށެވެ.

"30 އަހަރު 25 އަހަރު ސިފައިންގެ ވަޒީފާގައި އުޅުމަށްފަހު ވަޒީފާއިން ކެނޑިގެން ގޮސް ރައީސަށާއި ސިފައިންގެ އޮފިސަރުންނަށް ޖެއްސުންކުރާ މީހުން އެބައުޅޭ. އެމީހުންގެ އިނާޔަތް ހިފަހައްޓަންޖެހޭ. އެ ފައިސާ ދޭކަށް ނުޖެހޭ. އަދި އަހުލާގު ރަނގަޅު މީހުންނަށް މިހާރު ދެވޭ އިނާޔަތްތަށް ބޮޑު ކުރަންވީ،" ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނަށް އެފަދަ އިސްލާހެއް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާއިރު ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒާއި އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާނަކީ ދައުލަތުގެ ވަޒީފާ އަދާ ކުރާ ދެ ބޭފުޅުން ނެވެ. އަދި އެ ދެ ބޭފުޅުންނަކީ ފުލުހުންގެ ވަޒީފާއިން ޝަރަފުވެރި ކަމާއި އެކީގައި ރިޓަޔާކޮށްފައިވާ ދެ ބޭފުޅުންނެވެ.

އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅާފައިވާއިރު ޕޮލިސް ކޮމިޝަނަރު ކަމުން ވަކިކުރައްވައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވާފައިވާ ހުސައިން ވަހީދު ރިޓަޔަމަންޓް ފައިސާ ހޯއްދަވަން ހޯމް މިނިސްޓްރީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.