05 Apr 2016, 13:28
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސްއަކަށް މިދިޔަ ދައުރުގެވެސް އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އަދި ނައިބު ރައީސް އަކަށް އެކޮމިޝަނަށް ކުރިން އިންތިހާބްކޮށްފައިވާ މުހައްމަދު އަސްލަމް އިންތިހާބްކޮށްފިއެވެ.
ބުރޮޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ އެ ދެބޭފުޅުން އެމަގާމްތަކަށް އިންތިހާބްކުރީ އެކޮމިޝަންގެ އިއްތިފާގުން ކަމަށެވެ.
ބްރޯޑްކޮމްއިން މުއްދަތު ހަމަވި ހަ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދިން ހަ މެމްބަރުން ކޮމިޝަނުގެ މެމްބަރު ކަމަށް މިއަދު ވަނީ އައްޔަން ކުރައްވާފައެވެ.
ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރި ހަ ނަންފުޅު:
މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ.
ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ.
އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި.
ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ.
އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ.
ހަސަން ނަބާހް، ވ. ވެރޯނިކާ، ކ. މާލެ.
އެ ހަ ބޭފުޅުންނަށް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރައްވައި، ލިޔުން ހަވާލުކޮށްދެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ހަ ބޭފުޅަކަށް ރުހުން ދެއްވާފައިވާއިރު އޭގެތެެއިން ދެ ފަރާތަކީ ކޮމެޓީ މަރުހަލާގައި 75 ޕަސެންޓަށް ވުރެ ދަަށުން މާކްސް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ނެވެ. އެ ދެ ބޭފުޅުންނަކީ ޞަފްވާން އާއި ނަބާހު އެވެ.
އެ ކޮމިޝަނުގެ ހަތްވަނަ މެމްބަރު މުހައްމަދު އަސްލަމް އެ ކޮމިޝަނަށް އައްޔަނު ކުރެވިގެން ދިޔައީ 2013 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ.