ނޫސްވެރިންގެ ހައްގުތައް ދިނުމަށް ގޮވާލައި އާދީއްތަ ދުވަހު މުޒާހަރާ ކޮށްގެން ބައެއް ނޫސްވެރިން ހައްޔަރު ކުރި މައްސަލާގައި، އެއްވެސް އިންސާނީ ހައްގަކަށް އަރައިގަނެފައި ވޭތޯ ބެލުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރ ހައްވާ ވަޖުދާ "ސަން" އަށް ވިދާޅުވީ، އާދީއްތަ ދުވަހު ނޫސްވެރިން މުޒާހަރާ ފެށި ވަގުތުން ފެށިގެން ހިނގައިދިޔަ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަނުން ދިޔައީ ވަރަށް ގާތުން ބަލަމުން ކަމަށެވެ.

މުޒާހަރާގައި ހައްޔަރު ކުރި މޯލްޑިވްސް އިންޑިޕެންޑެންޓްގެ ޗީފް އެޑިޓަރ ޒަހީނާ ރަޝީދު ވިދާޅުވީ، އާދީއްތަ ދުވަހު މުޒާހަރާ ކޮށްގެން ހައްޔަރު ކުރި ހުރިހާ ނޫސްވެރިން ވެސް ފުލުސް އޮފީހުގައި ސްޓޭންޑަޑް ޕްރޮސީޖާގެ ދަށުން ބަރަހަނާ ކޮށްގެން ބަލައި ފާސްކުރި ކަމަށާއި، ނަމަވެސް ބައެއް އަންހެން ނޫސްވެރިން ދެފަހަރަށް ބަލައި ފާސްކުރި ކަމަށެވެ.

އަދި އެއީ އަންހެނުންނަށް ވީތީ ލަދު ގަންނަވަން ކުރި ކަމެއް ކަމަށް ވެސް ޒަހީނާ ތުހުމަތު ކުރެއްވި އެވެ.

މިކަމަށް އިޝާރާތް ކުރައްވައި، އެޗްއާރުސީއެމްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، ވަކި މައްސަލައަކަށް މިވަގުތު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށާއި، ނަމަވެސް މުޅި މައްސަލާގައި ވެސް ހިއުމަން ރައިޓެއް ވަޔޮލޭޓް ވެފައި ވޭތޯ ކޮމިޝަނުން ވަރަށް ގާތުން ބަލާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ހައްޔަރު ކުރި ހަތް އަންހެން ނޫސްވެރިންގެ ތެރެއިން ހަ ނޫސްވެރިޔަކު ވަނީ ބަރަހަނާ ކޮށްގެން ބަލައި ފާސްކޮށްފަ އެވެ. އޭގެ ތެރެއިން ތިން ނޫސްވެރިޔަކު ދެ ފަހަރަށް ސްޓްރިޕް ސާޗް ކޮށްފައި ވެ އެވެ. އެނގިފައިވާ ގޮތުގައި، އެއީ މޯލްޑިވްސް އިންޑިޕެންޑެންޓަށް ނިސްބަތްވާ ތިން ނޫސްވެރިންނެވެ.

އެ ނޫހުގެ ޗީފް އެޑިޓަރު ޒަހީނާ ރަޝީދު "ސަން" އަށް ވިދާޅުވީ، ނޫސްވެރިން ހައްޔަރު ކުރެވުނުތާ ގިނަ ވެގެން ތިން ގަޑި އިރު ތެރޭގައި އެޗްއާރުސީއެމްގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރަން އައި ކަމަށާއި، ސްޓްރިޕް ސާޗު ކުރި ކަން އެޗްއާރުސީއެމްއާ ހިއްސާ ކުރި ކަމަށެވެ.

"އެދުވަހު އެ ވާހަކަ ކިޔައިދިން. ހުރިހާ ނޫސްވެރިންނާ ވެސް އެޗްއާރުސީއެމުން ވަކި ވަކިން ބައްދަލުކުރި. މިއަދު އެބޭފުޅުންނަށް ގުޅީމަ ވިދާޅުވީ ވަކިން ދެ ފަހަރަށް އެއް މައްސަލައެއް ފައިލް ކުރަން ނުޖެހޭނެއޭ. އަދި މުޅި މައްސަލަ އެބޭފުޅުން އެއްކޮށް ބަލާނެ ކަމަށް ވިދާޅުވީ،" ޒަހީނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމްއިން މީގެ ކުރިން ވަނީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބަރަހަނާކޮށްގެން ބަލައި ފާސްނުކުރުމަށް ފުލުހުންގެ ފަރާތުގައި އެދިފައިވާނެ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެކަން ކުރާ ހާލަތެއްގައި، އެކަން ކުރަން ޖެހޭނީ އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ، އަދި އެކަން ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކެއް ކަމަށް ކަނޑައެޅުމަށް ފުލުހުންނަށް ހުށަހެޅި ކަމަށެވެ.