ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު ދިޔަމިގިލި އަތުން މަޑިފުށި މޮޅުވެއްޖެ އެވެ.

ތ. ދިޔަމިގިލީގައި ކުރިއަށްދާ ވޮލީ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި އަމިއްލަ ރަށުގައި ކުޅެމުންދިޔަ ޓީމުގެ މައްޗަށް މަޑިފުށި ކުރި ހޯދީ 3-2 ސެޓުންނެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ސެޓު 25-21 އިން މަޑިފުށި ގެންދިޔައިރު، 25-22 އިން ދެވަނަ ސެޓު ގެންދިޔައީ ދިޔަމިގިއްޔެވެ. ތިން ވަނަ ސެޓު 25-19 އިން މަޑިފުށި ގެންދިޔައިރު، ހަތަރު ވަނަ ސެޓު 25-23 އިން ދިޔަމިގިލި ގެންދިޔަ އެވެ. މަޑިފުށިން މެޗު ކާމިޔާބުކުރީ ފަހު ސެޓު 15-10 އިން ކުރި ހޯދައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަޑިފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް އެވެ.

ކޮޅުމަޑުލު ވޮލީ ޓޯނަމެންޓްގައި މަޑިފުށްޓާއި ދިޔަމިގިލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މަޑިފުށި މޮޅުވީ 3-2 ސެޓުން --

ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ފެށިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތުގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.

ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.

އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި، އެއް ވަނަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިންވެސް ކުޅެމުންދެ އެވެ.

ފިރިހެން ޑިވިޝަނަށް ބަލައިލާއިރު، ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާން މުހައްމަދު (ބަޓިސް) އާއި އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އާއި ހަމަ އެޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ)، މަޑިފުށި ޓީމުގެ އަހުމަދު ފާޒިލް އާއި ސްރީލަންކާ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް، ވިލުފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަޝިނީ ހަކްޝިކާ ސެނަރަތުނާ އާއި އެޓީމުގެ އަލީ ހުޒާމް އަދި ހަމަ އެޓީމުގެ މުހައްމަދު ޝާއިން ފާހަގަކޮށްލެވެ އެވެ.

އަންހެން ޑިވިޝަނުން މަޑިފުށި ޓީމުގެ ހައްވާ ރަޝީދާއާއި، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އާއި، ދިޔަމިގިލި ޓީމުގެ އައިޝަތު ޝައްފަ އަދި ހަމަ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދަނީ ފާހަގަކޮށްލެވެ އެވެ.