ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ކުރާ ބޮޑު މުޒާހަރާއެއް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު މާލޭގައި ބާއްވަން ނިންމާފައިވާ ކަމަށް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫމްގެ މެންބަރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ އަގު ބޮޑު ކުރުމާ އެކު، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ބުނެ، މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ބެހޭ ގޮތުން މިއަދު ހަވީރު ވީ ޓީވީގައި ސިޔާސީ ހަތަރު ޕާޓީއަކުން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ މާލޭގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވުމަށް އަތޮޅު ތެރޭގެ ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އަދި ގިނަ ރައްޔިތުންގެ އެދިލެއްވުމުގެ މަތިން އަންނަ ހުކުރު ދުވަހު އަތޮޅު ތެރެއިން ވަޑައިގަންނަވާ ބޭފުޅުންނާ އެކު އިސްލާމީ މަރުކަޒުގައި ކުރެވޭ ހުކުރު ނަމާދަށް ފަހު އެ ސަރައްހަދުން މުޒާހަރާ ފަށަން ނިންމާފައިވާ ކަމަށެވެ.

ހުކުރު ދުވަހު މާލޭގައި ބާއްވާ މުޒާހަރާތަކުގައި ބައިވެރިވުމަށް ޓަކައި އަތޮޅު ތެރެއިން ބޭފުޅުން މާލެ އައުމަށް މަހުލޫފު ގޮވާލެއްވި އެވެ.

އޭނާ ވިދާޅުވީ ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ޒުވާނުންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ބައިވެރިވާ ތިން ވަނަ މުޒާހަރާ މިރޭ އާޓްފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ. މިރޭގެ މުޒާހަރާގައި އެ ސަރައްހަދުން ފަށަން ނިންމާފައި ވަނީ 8:45 ގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑީއާރުޕީގެ ދެ ފެކްޝަނާއި ގައުމީ ޕާޓީގެ އިތުރުން ޕީއޭ އާއި ޖުމްހޫރީ ޕާޓީ ބައިވެރި އެވެ.

ރޭގެ މުޒާހަރާގައި މާލޭގެ ގްރޫޕްތަކަކަށް ނިސްބަތްވާ މަދު ޒުވާނުންތަކެއް ހިންގި އަމަލްތަކާ ގުޅިގެން މަހުލޫފާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު އިސްކަންދަރު ކޮށްޓަށް ހާޒިރުކޮށްފައިވެ އެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާންގެ އެދިލެއްވުމުގެ މަތިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ފުލުހުން އެދިފައި ވަނީ މުޒާރާތަކުގައި އަލިފާން ރޯކުރަން ބޭނުންކުރާ އެއްޗިއްސާއި ހަތިޔާރު ނުގެންގުޅުމަށެވެ. އަދި މާލޭގެ ބޮޑު ދެމަގު ]މަޖީދީމަގާއި ޗާންދަނީ މަގުގެ ހަތޮރު އަގޮޅި[ ކަންމަތީގައި މުޒާހަރާ ކުރިއަށް އޮތްތަނުގައި ނުގެންދިއުމަށް ފުލުހުން އެދުނެވެ. ފުލުހުންނާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ސަން އަށް މައުލޫމާތު ދެއްވަމުން ނިހާން ވިދާޅުވީ ޖުމްހޫރީ މައިދާން މުޒާހަރާ ކުރުމަށް ޓަކައި ދިނުމަށް ފުލުހުންގެ އަރިހު އެދިފައިވާނެ ކަމަށެވެ. އަދި އެ ގޮތަށް އެދުނީ ސިލްސިލާކޮށް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުމުން އާންމު ރައްޔިތުންނަށް އުނދަގޫވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެން ކަމަށެވެ.

ރޭގެ މުޒާހަރާގައި ފުލުހުންނާ ދިމާލަށް އަލިފާން ރޯކޮށްފައިވާ އެކި އެއްޗެހި އުކުމާ ގުޅިގެން ނިހާން ވިދާޅުވީ މުޒާހަރާގައި ބައިވެރިވާ އެއްވެސް ޒުވާނަކު އެފަދަ އަމަލެއް ނުހިންގުމަށް އޭނާ އިލްތިމާސް ކުރާ ކަމަށެވެ.