އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކު އޮފް އިންޑިއާއިން އެގައުމުގެ އިންޓެރެސްޓް ރޭޓުން 0.25 ޕަސެންޓު ކުޑަކޮށްފި އެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރު ރަގޫރާމް ރާޖަން ވަނީ، އިންޑިއާގެ އިންޓެރެސްޓް ރޭޓު 6.75 ޕަސެންޓުން 6.5 ޕަސެންޓަށް ދަށް ކޮށްފަ އެވެ. އެ ބޭންކުން އިންޓެރެސްޓް ރޭޓު ކުޑަކުރީ، އެގައުމުގައި ބޮޑުވަމުންދާ އިންފްލޭޝަން ރޭޓު ކޮންޓްރޯލު ކުރުމުގެ ގޮތުންނެވެ.

އިންޑިއާގެ ރިޒާވް ބޭންކުން ބުނީ، މި ބަދަލާއި އެކު މަޑު މަޑުން އިންފްލޭޝަން ރޭޓު ދަށްވާނެ ކަމަށް ބެލެވޭ ކަމަށާއި، މި އަހަރު ތެރޭގައި އިންފްލޭޝަން ރޭޓު ހުންނާނީ ފަސް ޕަސެންޓުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއަހަރުގެ ފަހުކޮޅު އެ އިންފްލޭޝަން 7.6 ޕަސެންޓަށް އިތުރުވެދާނެ ކަމަށް ވެސް އެ ބޭންކުން ލަފާ ކުރެ އެވެ.

އިންޑިއާގެ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ހަތަރު މަސް ދުވަހު އެ ގައުމުގެ އިންފްލޭޝަން ރޭޓު ހުރީ 5.2 ޕަސެންޓުގަ އެވެ. އަދި ތެލުގެ އަގު ދަށް ވުމާއި އެކު، އެގައުމުގެ ތަކެތީގެ އަގު ވަރަށް ބޮޑަށް ވަނީ ދަށް ވެފަ އެވެ.

އެންމެ ފަހުން އިންޑިއާގެ އިންފްލޭޝަން ރޭޓަށް ބަދަލެއް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މަސްދަރު:ވޯލް ސްޓްރީޓް ޖާނަލް