މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދިން ހަ މެމްބަރުން ކޮމިޝަނުގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރި ހަ ނަންފުޅު:

  1. މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ.
  2. ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ.
  3. އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި.
  4. ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ.
  5. އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ.
  6. ހަސަން ނަބާހް، ވ. ވެރޯނިކާ، ކ. މާލެ.

އެ ހަ ބޭފުޅުންނަށް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރައްވައި، ލިޔުން ހަވާލުކޮށްދެއްވީ މިއަދު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް އެ ހަ ބޭފުޅުން އައްޔަންކުރުމަށް މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.

ކޮމެޓީ މަރުހަލާގައި އެ ބޭފުޅުންގެ ނަން ދިރާސާ ކުރުމުގައި އެންމެ ބޮޑަށް ބަލާފައި ވަނީ ތައުލީމާ ތަމްރީނާއި މަަސައްކަތު ތަޖުރިބާގެ އިތުރުން ގާބިލުކަމާއި އިންޓަގްރެޓީއަށާއި ހުނަރަށެވެ. އެކަންތައްތަކަށް ބެލުމަށްފަހު 75 ޕަސެންޓް މަތިން މާކްސް ލިބިވަޑައިގެނެންވި ބޭފުޅުންނަކީ ކޮމިޝަނަށް އައްޔަން ކުރަން ގާބިލް މީހުން ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް މަޖިލީހުން ރުހުން ދެއްވާފައިވާ ހަ ބޭފުޅުންގެ ތެރޭން ދެ ފަރާތަކީ ކޮމެޓީ މަރުހަލާގައި 75 ޕަސެންޓަށް ވުރެ ދަަށުން މާކްސް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ނެވެ. އެ ދެ ބޭފުޅުންނަކީ ޞަފްވާން އާއި ނަބާހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ އެންމެ ފުރަތަމަ ވޯޓަށް އެހި މަރިޔަމް ވަހީދާއަކީ ކޮމެޓީ މަރުހަލާގައި އެންމެ ގިނައިން މާކުސް ލިބިވަޑައިގެންނެވި ބޭފުޅާ އެވެ. އޭނާ އަށް ކޮމެޓީ މަރުހަލާގައި ވަނީ 81.3 ޕަސެންޓު ލިބިވަޑައިގެންފަ އެވެ. ނަމަވެސް މަރިޔަމް ވަހީދާއަށް މަޖިލީހުން ރުހުން ދީފައެއް ނުވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިހާރު ހިމެނޭ މެންބަރުންގެ މަގާމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީ އެވެ.

ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަން ކުރެވޭ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ އެ މެމްބަރަކު އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ކޮމިޝަނަށް އަލަން ހަ މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވާއިރު، އެ ކޮމިޝަންގައި ދައުރު ހަމަނުވާ އެންމެ މެމްބަރަކު އެބަ ހުންނެވި އެވެ.