ށ. ފުނަދޫ އެއާޕޯޓާއި ހދ. ކުޅުދުށްފުށި އެއާޕޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކުޅުދުށްފުށި އެއާޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 62،000 ޑޮލަރު ނުވަތަ އެއާ އެއްވަރު ދިވެހި ރުފިޔާ ބަހައްޓަންވާނެ ކަމަށެވެ. އަދި ށ. ފުނަދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 60،000 ޑޮލަރު ނުވަތަ އެއާ އެއްވަރު ދިވެހި ރުފިޔާ ބަހައްޓަންވާނެ ކަމަށެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 208 ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ ބީލަމުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން GC01-1 ގްރޭޑަށް ފެތޭ ފަރާތްތަކަށް ކަމަށެވެ.

އެ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ ބަލައިގަންނާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 1:30 އަށް ކަމަށެވެ.

ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ހަލާސް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއި އެކު ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި އެ ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީހުގެ ކުރިޔަށް ބަންދުނޫން 10 ދުވަހަށްވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށް ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތުގެ ޕްރީބިޑު ބައްދަލުވުން އޮންނާނީ މި މަހުގެ 24ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. އަދި އެ މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ މި މަހުގެ 28ވަނަ ދުވަހުގެ ކުރިން މެއިލް ކުރުން އެދޭ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 19ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.