ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ބާސާއާ ދެކޮޅަށް ކުޅޭ މެޗުގެ ކޮންމެ މިނެޓަކީ ވެސް އެތުލެޓިކޯ މެޑްރިޑުގެ ކުޅުންތެރިންނަށް މުހިންމު މިނެޓަކަށް ވާނެ ކަމަށް އެކްލަބުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

ޗެމްޕިއަން ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސާގެ ދަނޑު ކޭމްޕް ނޯގައި ކުޅޭ މެޗަށް އެތުލެޓިކޯއާ ދެކޮޅަށް ނުކުންނައިރު، ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑް އަތުން ބާސާ ވަނީ ބަލިވެފަ އެވެ. އެ މެޗުން ބާސާ ބަލިވުމާއެކު، ސްޕެނިޝް ލަލީގާގެ ދެ ވަނައިގައި އޮތް އެތުލެޓިކޯއާއި ބާސާއާ ދެމެދު މިހާރު އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ.

އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ބުނީ، ބާސާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެންނާނެ ކަމަށާއި ދެ ޓީމަކީ ވެސް އެއް ޓީމު އަނެއް ޓީމަށް އާ ޓީމަކަށް ނުވާނެ ކަމަށެވެ.

"ދެ ޓީމަށް ވެސް އެއް ޓީމެއް އަނެއް ޓީމެއްގެ ގޮތް އެނގޭނެ. ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ބާސާއިން ރަނގަޅު ކުޅުމެއް ދައްކާ. ރެއާލް އަތުން ބާސާ ބަލިވުމުން، ވަކި އެތަން ދައްކާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. ޗެމްޕިއަންސް ލީގު މެޗުގައި ބާސާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދާނެ. އެތުލެޓިކޯގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ދަނޑުމަތީ ހޭދަކުރާ ކޮންމެ މިނެޓަކީ ވެސް ހަޔާތުގައި މުހިންމު މިނެޓަކަށް ވާނެ،" އޭނާ ބުންޏެވެ.

ބާސާއާ ދެކޮޅަށް ނުކުންނައިރު، އެތުލެޓިކޯއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްޓެފަން ސަވިޗް އާއި ކެޕްޓަން ޑިއޭގޯ ގޮޑިން، އަނިޔާއިން ސަލާމަތްވުމެވެ.