05 Apr 2016, 11:35
ޓެކުހަށް މަކަރު ހެދުމާއި، ކަޅުފައިސާ ދޮވުމާއި އެނޫންވެސް ބޮޑެތި ވަގު ވިޔަފާރިތަކަށް އެހިތެރިވެދޭ ޕެނަމާގެ މަޝްހޫރު އޮފްޝޯ ލޯ ފާމް، މޯސެކް ފޮންސެކާއާ އެކު ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ، އަޑިނޭނގޭ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށްބުނެ ފެތުރެމުންދާ ހަބަރުތައް އޭނާގެ އާއިލާއިން ދޮގުކޮށްފިއެވެ.
މެސީގެ އާއިލާއިން ބުނެފައިވާ ގޮތުގައި، ޕެނަމާ ޕޭޕަރސްގެ ނަމުގައި ލިޔެކިޔުންތައް ލީކުވުމާއެކު ދުނިޔޭގެ ބައެއް މީޑިއާތަކުން ވަނީ މޯސެކް ފޮންސެކާއާ އެކު މެސީ ކަންތައްގަނޑެއް ހިންގާފައިވާކަމަށް ބުނެ ދޮގު ޚަބަރުތަކެއް ފަތުރަން ފަށައިފައެވެ. އަދި އެއީ މެސީގެ އަބުރު ގެއްލުވާލައި، އޭނާ ބަދުނާމުކުރާން ބަޔަކު ކުރަމުންގެންދާ އަމަލެއްކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ. ހަމައެހެންމެ މެސީގެ އާއިލާއިން މިހާރު ވަނީ އެފަދަ ފަރާތްތަކާމެދު އަބުރުގެ ދައުވާކުރާން ނިންމައިފައެވެ.
ޕެނަމާ ޕޭޕަރސްގެ ނަމުގައި ކާކުކަން ނޭނގޭ ފަރާތަކުން ލީކުކޮށްލި، މޯސެކް ފޮންސެކާގެ 11 މިލިއަނަށްވުރެ ގިނަ ސިއްރު ލިޔެކިޔުންތައް ފުރަތަމަ ލިބިފައިވަނީ ޖަރުމަނުގެ ނިއުސް ޕޭޕަރަކަށެވެ. އަދި އެ ނޫހުންވަނީ، އެ ލިޔެކިޔުންތައް އިންވެސްޓިގޭޓިވް ޖާނަލިސްޓުންގެ ބައިނަލްއަގްވާމީ ކޮންސޯޓިއަމަކާ ހަވާލުކޮށްފައެވެ.
ޕެނަމާ ޕޭޕަރސްގެ ބައެއް ލިޔެކިޔުންތަކުގައި ވާގޮތުން ޓެކުހަށް މަކަރުހެދުމަށް މަގުފަހިވާގޮތަށް މޯސެކް ފޮންސެކާއިން ހަދާފައިވާ ބިޔަ ވިއުގައިގެ ތެރޭގައި ފުޓްބޯޅައާ ގުޅުންހުރި މުއާމަލާތްތަކެއްވެސް ވަނީ ހިންގައިފައެވެ.
މެސީއާ އެފަދަ ވިއުގައަކާ އެއްވެސް ގުޅުމެއް ނުވާނޭ ކަމަށާއި އެއީ އޭނާ ބަދުނާމުކުރާން ފަތުރާފައިވާ ޚަބަރުތަކެއް ކަމަށް އާއިލާއިން ބުނެފައިވާއިރު، މެސީ އެ ކްލަބަކަށް ކުޅެމުން އަންނަ ބާސެލޯނާއިން ވެސް ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެ، މި ދަނޑިވަޅުގައި މެސީއަށާއި އާއިލާއަށް ބޭނުންވާ ހުރިހާ ގާނޫނީ އެހީތެރިކަމެއް ފޯރުކޮށްދޭނޭ ކަމަށް ބުނެފައެވެ.
ޕެނަމާ ޕޭޕަރސް އާ ގުޅިގެން މެސީގެ މައްޗަށް ތުހުމަތުތަކެއް ކުރެވުނު ހިސާބުން ފެށިގެން، މެސީއާއި އޭނާގެ އާއިލާގެ އަބުރު ރައްކާތެރިކުރުމަށް، ކްލަބުން ވެދެވެން އޮތް މާލީ، އަދި ގާނޫނީ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެހީތެރިވެދޭނޭ ކަމަށް ބާސާއިން ބުނެފައި ވެއެވެ.
ޕެނަމާ ޕޭޕަރސްގައި ވާ ގޮތުން، ދުނިޔޭގެ މަޝްހޫރު ސިޔާސީ ލީޑަރުންނާއި، ބޮޑެތި ވިޔަފާރިވެރީންނާއި އަދި ފިލްމްސްޓާރުންނާއި ކުޅިވަރު ޝަހުސިއްޔަތުތައް ވެސް ވަނީ، މޯސެކް ފޮންސެކާ މެދުވެރިކޮށް ހިންގާފައިވާ އެތަކެއް ޓްރިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވެފައެވެ. އެގޮތުން އެކި ގައުމުތަކަށް ނިސްބަތްވާ 140 ސިޔާސީ ފަރާތްތަކާއި 12 ގައުމެއްގެ ރައީސުންނާއި ކުރީގެ ރައީސުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވާ ގޮތުގައި އެލިސްޓުގައި އިންޑިއާގެ 500 ރައްޔިތުން ހިމެނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަނާއި އޭނާގެ ދަނބިދަރި އައިޝްވާރިޔާ ރާއީ ހިމެނެ އެވެ.