05 Apr 2016, 12:21
މީޑިއާތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މޯލްޑިވްސް މީޑިއާ ކައުންސިލަށް ދައުވަތު ދެއްވައި ފިއެވެ.
ހޯމް މިނިސްޓަރު އުމަރު މިއަދު "ސަން" އަށް ވިދާޅުވީ، މީޑިއާތަކުގައި ހުރި ކަންބޮޑުވުންތައް ހުށަހެޅުމަށް އޭނައާ ބައްދަލުކުރަން ވަޑައިގަތުމުގެ ދައުވަތު މީޑިއާ ކައުންސިލަށް ދެއްވާފައި ވަނީ މިއަދު ކަމަށެވެ.
އުމަރު ވިދާޅުވީ، އޭނާ ބޭނުންފުޅުވަނީ މީޑިއާތަކުގައި ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
މީޑިއާ ކައުންސިލުން ކަންބޮޑުވުންތައް ހިއްސާކުރުމުން އެކަންކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި މިއީ ނޫސްވެރިކަމަށް ހުރަސްއަޅާނެ ސަރުކާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އާދީއްތަ ދުވަހު ރައީސް އޮފީސް ކައިރީގައި އިހްތިޖާޖުރި ނޫސްވެރިންގެ ތެރެއިން 16 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށް ގިނަ އިރުތަކެއްވަންދެން ދޫނިދޫ ގޮޅީގައި ބެއިތިއްބުމަށްފަހު ދޫކޮށްލާފައެވެ.
ހައްޔަރުކުރުމަށްފަހު ފުލުހުން އަމަލުކުރި ގޮތާމެދު އެ ނޫސްވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނޫސްވެރިން ހައްޔަރުކުރީ އެއްވުން މަނާ ސަރަހައްދެއްގައި އެއްވެ އުޅެނިކޮށް ފުލުހުން އެންގި އެންގުމަށް ތަބާނުވުމުން ކަމަށެވެ.
އެ ނޫސްވެރިން ދޫކޮށްލިނަމަވެސް އިއްޔެ ހަވީރުން ފެށިގެން ތަފާތު އެކި ގަޑިތަކުގައި އެފަރާތްތަށް ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ވަނީ ނަގާފައެވެ.