ޑޮލަރުގެ އަގު ސަރުކާރުން ބޮޑުކުރުމާ ގުޅިގެން ތަކެތީގެ އަގު އުފުލެމުންދާތީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ ހުއްޓުވުމަށް އެމްޑީޕީން މިރޭ ނުކުންނާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ރައީސް ޑރ. އިބުރާހިމް ދީދީ (ޑރ.ޑީޑީ) މިއަދު ވިދާޅުވީ އެމްޑީޕީން މި ރޭ ނުކުންނަނީ މުޒާހަރާއެއް ކުރުމަށް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީން ނުކުންނަނީ މިހާރު މުޒާހަރާކުރަމުންދާ ފަރާތްތަކުން ހަމަނުޖެހުންތައް ހިންގައި ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުން ދާތީ އެކަން ހުއްޓުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޒާހަރާއެއް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރަން ޖެހޭނެ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ އަދި ތަރުހީބު ވެސް ދޭ ކަމެއް. އަޅުގަނޑުމެން ނޫންތޯ މުޒާހަރާކުރުމުގެ މިނިވަންކަން ވެސް ހޯދައިދިނީ" ޑރ.ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ މިހާރު ކުރަމުންދާ މުޒާހަރާތަކަކީ އިދިކޮޅު ފަރާތްތަކުން ރާވައިގެން، ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމަށް ކުރަމުންދާ މުޒާހަރާތަކެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ކަންތައްތަކުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދައްކައި ހަމަނުޖެހުންތައް އުފައްދާ ނަމަ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމަށް އެމްޑީޕީ ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ނުކުންނަނީ މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް މުޒާހަރާކުރަންތޯ ސުވާލުކޮށްލުމުން ޑރ.ޑީޑީ ވިދާޅުވީ އެމްޑީޕީން ނުކުންނަނީ މުޒާހަރާއެއް ކުރުމަށް ނޫންކަމަށެވެ.

"އަޅުގަނޑުމެން މިނުކުންނަނީ އެއްވެސް ހާލެއްގައި މުޒާހަރާކުރުމާ ދެކޮޅަށް މުޒާހަރާކުރާކަށް ނޫން" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ ބަޔަކު ނުކުމެ މުޒާހަރާކުރާ ވަރަށް ތަކެތީގެ އަގު އަދި އުފުލިފައި ނުވާކަމަށެވެ. އަދި އެހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެމްޑީޕީން ހުރިހާ މަސައްކަތެއް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަކެތީގެ އަގު އުފުލެނީ ، ރައްޔިތުން ހަނާވަނީ" މިނަމުގައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މުޒާހަރާ މިރޭ ވެސް އޮންނާނެ ކަމަށް މުޒާހަރާގައި އިސްކޮށް އުޅޭ ޑީއާރުޕީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު ރޭ ވަނީ ވިދާޅުވެފައިވެ އެވެ.

މިހާރު ކުރަމުންދާ މުޒާހަރާއަކީ ސިޔާސީ ބޭނުމެއްގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާއެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރި ނަމަވެސް މުޒާހަރާގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނަނީ މުޒާހަރާ ކުރަނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށެވެ. އިދިކޮޅު އެއްވެސް ސިޔާސީ ޕާޓީއަކުން ޒިންމާ އުފުލާފައި ނުވާ މުޒާހަރާތަކުގައި ރާއްޖޭގެ ބޮޑެތި އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.