އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ހިންގާ ތަހުގީގުން، އެކުންފުނިން ބޮޑު އަގުގައި ޑޮލަރު ވިއްކާފައިވާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެކަން ފާހަގަ ކުރެވުނީ އެސްއޯއެފް ތަހުގީގަށް ބައެއް ފަރާތްތަކުން ގެނެސް ސުވާލު ކުރުމުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ، އެންމެ ދުވަހެއްގެ ތެރޭގައި 10 މިލިއަން ރުފިޔާގެ ޑޮލަރު ގަނެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ އަކީ ނުއަގުގައި ޑޮލަރު ގަނެގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމަށް ވިއަސް އެފަދަ ދައުވާއެއް އެ ކުންފުންޏާއި ދޭތެރޭ ކުރަން ޖެހިދާނެ ކަމަށެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ހިންގާ އެސްއޯއެފްގެ ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ބައެއް މީހުން ތަހުގީގަށް ގެނައިމަ 10 މިލިއަން ރުފިޔާ ވެސް އެއްދުވަހުން މިގޮތަށް ޑޮލަރު ބޮޑުއަގުގައި ގަނެފައި ހުންނަކަން. އެ ތިބޭފުޅުންގެ [މެމްބަރުންގެ] މައުލޫމާތަށްޓަކައި ދަންނަވާލީ. އެކަމަކު މި މައްސަލައަކީ އެގޮތަށް ޑޮލަރު ނުއަގުގައި ވިއްކައިގެން ފުލުހުންނަށް ހުށަހަޅާފައި އޮތް މައްސަލައެއް ނޫން. އެކަމަކު މުޅި މައްސަލައިގެ ތަހުގީގު ނިމިގެން އަންނައިރު އެފަދަ ދައުވާއެއް ވެސް އެ ކުންފުޏާ މެދު ކުރެވުމަކީ އެކަށީގެންވާ ކަމެއް،" ރިޔާޒު ވިދާޅުވި އެވެ.

އެސްއޯއެފުން ނުއަގުގައި ޑޮލަރު ވިއްކާފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އެމްއެމްޕީއާރްސީ މައްސަލާގައި އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ތެރެއިން ދައުލަތަށް ހޯދަން ޖެހޭ ފައިސާގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ހޯދަން ޖެހޭ 70.17 މިލިޔަން ޑޮލަރު ހިމެނޭ ކަމަށެވެ.

ނަމަވެސް އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެސްއޯއެފުން ބުނީ އެމްއެމްޕީއާރްސީން އެ ކުންފުނީގެ އެކައުންޓަށް ޖަމާކުރި ފައިސާ ހަވާލުކޮށްފައި ވަނީ ޕީޕީއެމް އާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުންނަށާއި ސަރުކާރާއި ސިޔާސީ އިސްވެރިންނާއި އެހެނިހެން ފަރާތްތަކަށް ކަމަށެވެ.