ނޫސްވެރިންގެ ހައްގުތަކަށް ގޮވާލައި ބައެއް ނޫސްވެރިން ކުރި އިހުތިޖާޖުކޮށްގެން ހައްޔަރު ކުރި އަންހެން ނޫސްވެރިން ބަލައިފާސްކުރި އިރު ލަދުގެންނުވި ކަމަށް ބުނާ މައްސަލަ ބެލުމަށް އަދާލަތު ޕާޓީ އިން ގޮވާލައިފި އެވެ.

އިހުތިޖާޖުގެ ހަރަކާތުން ހައްޔަރު ކުރި ނޫސްވެރިން ވަނީ ބަންދުގައި ތިބި އިރު ނޫސްވެރިންނާ މެދު ހިނގައި ދިޔަ ކަންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ހައްޔަރު ކުރި ހުރިހާ އަންހެން ނޫސްވެރިންގެ "ސްޓްރިޕް ސާޗު"، ވިހި މިނެޓު ތެރޭގައި ދެ ފަހަރަށް ކުރި ކަމަށާއި އެއީ ލަދުގެންނެވުމަށް ކުރި ކަމެއް ކަމަށް އެ ނޫސްވެރިން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީ އިން ވަނީ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފަ އެވެ.

އެޗްއާރުސީއެމް އިން މީގެ ކުރިން ވަނީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބަރަހަނާކޮށްގެން ބަލައި ފާސްނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެކަން ކުރާ ހާލަތެއްގައި، އެކަން ކުރަން ޖެހޭނީ އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ، އަދި އެކަން ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކެއް ކަމަށް ކަނޑައެޅުމަށް ކަމަށެވެ.

އަދި "ސްޓްރިޕް ސާޗު" ކުރުމަކީ އިންސާނީ ގަދަރާއި ކަރާމާތަށް ކުޑައިމީސްކަން އަންނަ ކަމެއްގެ ކަމަށާއި އެއީ އިންސާނީ ހައްޤަށް ލިބޭ އުނިކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ގަބޫލުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހައްގުތައް ހޯދުމަށް ނޫސްވެރިން އިސްނަގައިގެން ކުރި އިހުތިޖާޖު، ރައީސް އޮފީސް ކުރިމަތީގައި ކުރިއަށް ގެންދަނިކޮށް އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި 19 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ދުވަހު ނޫސް "ހަވީރު" އާއި ރާއްޖެޓީވި އާއި ސަންގުޓީވީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންގެ އިތުރަށް ވީނިއުސްގެ ނޫސްވެރިއަކު ހިމެނެ އެވެ. ނަމަވެސް އެ ނޫސްވެރިން ވަނީ 24 ގަޑި އިރު ވެސް ނުވަނީސް ދޫކޮށްލައިފަ އެވެ.