އެފްރިކާގެ ކުޑަކުދިންނަށް އެހީވުމަށް އުފައްދާފައިވާ ޖަމިއްޔާއެއްގެ ކޯފައުންޑަރ އަންޖާ ލޯވަން މަގުމަތިން ކުއްޖަކު ހޮވި ވާހަކައަކީ ބައެއް ކިޔުންތެރިންނަށް އައު ވާހަކައަކަށް ނުވެދާނެ އެވެ. އެ ވާހަކައަކީ ބޭރު ދުނިޔޭގެ ނޫސްތަކުގެ އިތުރުން ދިވެހި ނޫސްތަކުންވެސް ޖާގަ ހޯދި ވާހަކައެކެވެ.

އަންޖާއަށް ނައިޖީރިއާގެ މަގެއްގެ މަތިން ހިކި އަނަރޫފަ ވެފައިވާ ދެ އަހަރުގެ ކުޑަ ކުއްޖަކު ބަރަހަނާ ހާލުގައި ހިނގާފައި ދަނިކޮށް ފެނުނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އަޅާލާނެ މީހަކު ނެތި އެކުއްޖާ މަގުމަތީގައި ހޮވާކާން އުޅުނު ސަބަބު އެނގޭ މީހަކު ހިތް ކުދިކުދި ވާނެ އެވެ. މިހާރު "ހޯޕް"، ގެ ނަން ދީފައިވާ އެކުއްޖާ މަގުމައްޗަށް އެއްލާލީ އެއީ ޖެހުނު ބޮޑު "ސުންޕާއެއް" ކަމަށާއި އެކުއްޖާއަކީ ސިހުރުވެރިއެއް ކަމަށް ބަލާފަ އެވެ. އާއިލާއަށް ދިމާވާ ހުރިހާ މުސީބާތެއްގެ އަސްލަކީ އެކުއްޖާގެ ފަރާތުން ޖެހުނު ސިހުރު ކަމުގައި ގަބޫލު ކުރުމަށްފަހު އެވެ.

އަންޖާއަށް ހޯޕް ފެނުމުން އެކުއްޖާއަށް ފެނާއި ބިސްކޯދު ދެނީ --

ނަމަވެސް އަންޖާއަށް އެކުއްޖާ މަގުމަތިން ފެނުމާއެކު ދުއްވަމުން ދިޔަ ކާރު މަޑުކޮށް އެކުއްޖާއަށް ފެން ފޮދެއް ދިނެވެ. އަދި ބިސްކޯދުވެސް ކާން ދިނުމަށްފަހު ފޮތިގަނޑެއް އޮޅާލައިގެން އަވަހަށް ހޮސްޕިޓަލަށް ގެންގޮސް ރަނގަޅު ފަރުވާ ދިނެވެ. އަދި "އުންމީދު" ނުވަތަ ހޯޕް ގެ ނަމުން ނަންވެސް ދިނެވެ.

މަތީގައި އެވަނީ އަންޖާއަށް ހޯޕް ފެނުނު ދުވަހު ނަގާފައިވާ ފޮޓޯ އެކެވެ. މިހާރު ހޯޕް ހުރި ގޮތް ބަލާލަމާ ހިނގާށެވެ.

ހޯޕް އަށް މަގުމަތިން ދިމާވި އަންޖާ އަކީ އޭނާއަށް ލެއްވި ބޮޑު ރަހުމަތެެކެވެ. އެދުވަހު އަންޖާ ހޯޕް ގެންގޮސް، މިހާރުވެސް ހޯޕް ބަލާ ބޮޑުކުރަމުން އަންނަނީ އަމިއްލަ އުފަން ދަރިއެއް ފަދައިންނެވެ. އަންޖާ އާއި އޭނާގެ ފިރިމީހާ ޑޭވިޑް އަކީވެސް ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ދެމީހުންނެވެ. އެ ދެމީހުންގެ އިތުރު ކުއްޖަކު ހުރި ނަމަވެސް ދެމަފިރިން ހޯޕް ބަލަމުން އަންނަނީ އެއްވެސް ތަފާތު ކުރުމެއް ނެތި އެވެ.

މިހާރު ހޯޕް އަކީ ހިކި އަނަރޫފަވެފައި މަގުމަތީގައި ހޮވާކާން އުޅުނު ކުއްޖާއެއް ނޫނެވެ. އޭނާއަށް މިހާރު ވަނީ ލޯބިން ފުރިފައިވާ އާއިލާއެއް ލިބިފަ އެވެ. ހޯޕް މިހާރު ފެންނަނީ ދުޅަހެޔޮ އުފާވެރި ކުއްޖެއްގެ ގޮތުގަ އެވެ.

ހޯޕް އަދި އަންޖާގެ ފިރިމީހާ ޑޭވިޑް" ދެމަފިރިން ހޯޕް ބަލަނީ އަމިއްލަ ދަރިއެއް ފަދައިން

ހޯޕް އުފަންވެފައި ވަނީ ކުޑަ އައިބަކާ އެކީގަ އެވެ. ނަމަވެސް ވަރަށް އަވަހަށް ހޯޕް އޮޕަރޭޝަންކޮށް، އެކަން ރަނގަޅު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޯޕް: އުފެދުމުގައި ހުރި އައިބެއް ރަނގަޅު ކަމަށް ވަރަށް އަވަހަށް އޮޕަރޭޝަނެއް ކުރާނެ

ނައިޖީރިއާ ގައި ހޯޕް ފަދަ އެތައް ކުދިންނެއް އެބަ ތިއްބެވެ. އަޅާލުމާ، އެހީތެރިކަން އިންތިހާއަށް ބޭނުންވެފައި ތިބި އެ ކުދިންނަށް އެހީވުމަށް އަންޖާ މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.