05 Apr 2016, 09:47
އެކަމަނާގެ "ހެނދުންކޮޅަކީވެސް ތަންމަތިކޮޅަކީވެސް، އަރަހުށި މާތްاللّـه سبحانه وتعالىއަށް އަޅުކަންކުރެއްވުމެވެ. އެކަމަނާއަކީ އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ގަނޑުވަރަށް ވަޑައިގަތުމަށްފަހު އަޅުވެރި ޒާހިދާއަކަށް ބަދަލުވެވަޑައިގެންނެވި ރައީސްޒާދީއެކެވެ. އެކަމަނާއަކީ އެކަމަނާގެ މިނިވަންކަމުން އެތައްސަތޭކަ އިންސާނުންގެ މިނިވަންކަމުގެ އަގު އަދާކުރެއްވި ނަސީބުވެރި ބޭކަނބަލެކެވެ. އެކަމަނާއަށްވުރެ ތިމާގެ ޤައުމަށް ބަރަކާތްތެރި އެއްވެސް އަންހެނަކު އިންސާނީ ތާރީޚު ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. އާދެ، އެކަމަނާއަކީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ލޮބުވެތި އަނބިކަނބަލުން
أمّ المؤمنينالسّيّدة جويرية بنت الحارث رضى اللّـهعنــهاއެވެ.
+ + + + + +
ނަންފުޅާއި ނަސަބުފުޅު
ޚުޒާޢަތުވަންހައިގެ ގޮފިތަކުގެ ތެރެއިން އެއްގޮތްޕަކީ މުޞްޠަލިޤުވަންހައެވެ. އެވަންހައިގެ ރައީސަކީالحارث بن أبى ضرارއެވެ. މުޞްޠަލިޤުވަންހައިގެ މީހުން ދިރިއުޅުނީ ޖިއްދާއާއި ރާބިޣާ ދެމެދު ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޤުދައިދެވެ ކިޔުނު ސަރަޙައްދުގައެވެ.الحارث بن أبى ضرارއަކީ އޭނާގެ މުއްސަނދިފުޅުކަމާއި އޭނާއަށް މީހުން ކިޔަމަންވެ ބޯލަނބާ މިންވަރާއި، އޭނާގެ ވިސްނުންތެރިކަމާމެދު އިންތިހާޔަށް ފަޚުރުވެރިވެވަޑައިގަންނަވާ ވެރިޔެކެވެ. މުޞްޠަލިޤުވަންހައަކީވެސް ޢަރަބީންގެ ތެރޭގައި ޤަދަރުހުރި ދަރިކޮޅެކެވެ. ހަނގުރާމަވެރިކަމާއި، ހިތްވަރުގަދަކަމަށް ނަންހިނގައިފައިވާ ބައެކެވެ. މަގުފޭރުމާއި ތަޅާފޮޅުމުގައި މަޝްހޫރު ބައެކެވެ. މުޞްޠަލިޤުވަންހައާއި ޤުރައިޝުވަންހައިގެ ގުޅުން ވަރަށްބޮޑެވެ. ޚާއްޞަކޮށް އެވަންހައިގެ ރައީސްحارث بن أبى ضرارއަކީ ޤުރައިޝުންގެ އިތުބާރުކުރެވޭ އެކުވެރިޔެކެވެ. އެއްބަޔަކު އަނެއްބަޔެއްގެ އުފަލާއި ހިތާމައިގައި އަބަދުވެސް ބައިވެރިވެއެވެ. އަދި ކީއްތޯއެވެ. ދެބައިމީހުންވެސް ތިބެނީ އެއްބަޔަކު އަނެއްބަޔަކަށްޓަކައި ޤުރްބާންވާންވެސް ތައްޔާރަށެވެ. އެގޮތުން ޤުރައިޝުން މުސްލިމުންނާ ކުރާ ހަނގުރާމަތަކުގައި މުޞްޠަލިޤުވަންހަ، ޤުރައިޝުންނާ ބައިވެރިވެއެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّىاللّـهعليهوسلّمގެ ބިޢުޘަތުގެ ދެއަހަރުކުރީން، މުޞްޠަލިޤުވަންހައިގެ ރައީސްالحارث بن أبى ضرارއަށް ހަނދެއްފަދަ ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. ޢާއިލާގެ ފަރާތުން އެކަމަނާއަށް އެރުވި ނަންފުޅަކީبرّةއެވެ. އެކަމަނާ ބޮޑުފުޅުވީ އިންތިހާދަރަޖައިގެ އަރާމާއި، އުފަލާއި ނިޢުމަތުގައެވެ. "ޝާހީ" މާޙޫލެއްގައެވެ. އެކަމަނާއަށްޓަކައި އާޔާއިންނާއި، ނޯކަރުންވަނީ ޚާއްޞަކުރެވިފައެވެ. އެކަމަނާގެ ބައްޕާފުޅުގެ އަތްޕުޅުގައި ފައިސާ، ފެނަށްވުރެ ތިޔާގިއެވެ. އެހެންކަމުން އޭނާ އެކަމަނާގެ ތަރުބިޔަތަށް ޚަރަދުކުރެއްވީ އެއްވެސް ހިސާބެއްކިތާބެއް ނެތިއެވެ.
ޒަމާނުގެ ބުރުތައް ފުރިހަމަވަމުންގޮސް އެކަމަނާ ޒުވާންކަމުގެ އޮޅިގިރާކުރެއްވިއިރު އެކަމަނާއަކީ ފިސާރި ބުރުޞޫރަފުޅުރީތި، ގޮތްހުރި، އަދަބު އަޚްލާޤު ރީތި ބޭކަނބަލެކެވެ. މުޅި އެވަންހައިން އެންމެ ރީތިފުޅުކަމަށް މަޝްހޫރުވެވަޑައިގެންފައިވަނީ އެކަމަނާއެވެ. ހަމައެފަދައިން އުޅުއްވުމާއި ގުޅުއްވުމުގައިވެސް އެންމެ ރީތި ނަން ލިބިވަޑައިގެންފައިވަނީ އެކަމަނާއަށެވެ. އެހެންކަމުން އެކިފަރާތްފަރާތުން އެކަމަނާގެ ކާވެނިފުޅަށްއެދި ހުށަހެޅުންތައް އޮހެމުންދިޔައެވެ. އެކަމަނާގެ ޢާއިލާއިން އެހުށަހެޅުންތަކާމެދު ވިސްނައި ބެލުމަށްފަހު ކަނޑައެޅީ ހަމަ އެ ޤަބީލާގެ އަލަށް ވިދަމުންއައި ޒުވާނެއްކަމުގައިވާمسافع بن صفوانއާ އެކަމަނާގެ ކާވެނިފުޅުކޮށްދިނުމަށެވެ.
އެދުވަސްވަރު މަދީނާވަނީ އިސްލާމީ ދައުލަތުގެ ވެރިރަށަކަށްވެފައެވެ. އިސްލާމްދީނުގެ ނޫރުވަނީ ޢަރަބިކަރައިގައި ފެތުރިފައިއޮތް ޖާހިލިއްޔަތުގެ އަނދިރިކަމުގެ މައްޗަށް ވެރިވާންފަށައިފައެވެ. މުސްލިމުންގެ ދުރުވިސްނިވަޑައިގަންނަވާ ޤާއިދުވަނީ އިސްލާމީ ދައުލަތުގައި ޢަސްކަރީ ބާރެއް އުފައްދަވައިފައެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގެންދެވީ ޢަސްކަރީގޮތުންނާއި މަޢުނަވީގޮތުން އެބާރަށް ތަމްރީނާއި ތަރުބިޔަތު ދެއްވަމުންނެވެ. އެންމެފުރަތަމަ ޢަރަބިކަރަ އެއަށްފަހު ވަށައިގެންހުރި ޢަދާވަތްތެރި ބާރުތައް ކަކޫމައްޗަށް ތިރިކުރެއްވުމަށްޓަކައެވެ. އެދުވަސްވަރު އެބާރުގައި ހިމެނުނު ސިފައިންގެ ޢަދަދު ކިތަންމެ މަދުކަމުގައިވިޔަސް، ހަތިޔާރު ކިތަންމެ ދޭސީކަމުގައިވިޔަސް، އެއުރެންގެ އީމާންކަމާއި ޔަޤީންކަން ވަރުގަދައެވެ. މުލައްދަނޑީގެ ބާރަށްވުރެ ބޮޑަށް އެބާރުގެ ސިފައިންގެ ޔަޤީންކަންއޮތީ ޖައްބާރުވަންތަ، ޢަޒީޒުވަންތަاللّـهގެ ރަޙްމަތްފުޅާމެދުގައެވެ. އެކަލާނގެ ދެއްވާ ނަޞްރާއި ފަތަޙާމެދުގައެވެ. ޝައްކެއްނެތްގޮތުގައި އެއީ ޢަސްކަރީ ބާރެއްގެ ކާމިޔާބީގެ އެންމެވަރުގަދަ ގެރެންޓީއެވެ.
ބަރަކާތްތެރި ހުވަފެންފުޅެއް
އިސްލާމީ ލަޝްކަރު ބަދުރުގެ މައިދާނުގައި ޤުރައިޝުންގެ މައިކަށި ބިންދައިލިއެވެ. ޤުރައިޝުން އިނދަޖައްސައިލިއެވެ.برّة بنت الحارثގެ ބައްޕާފުޅާއި ފިރިކަލުންނަކީ ކުރީންވެސް ދެންނެވިފަދައިން ޤުރައިޝުންގެ ހިތާމަޔާއި އުފަލުގެ ބައިވެރީންނެވެ. މުސްލިމުންގެ އެންމެ ބޮޑެތި ޢަދުއްވުންނެވެ. އެބައިމީހުންގެ ހިތުގައި ފެޅި މުސްލިމުންނާ ޢަދާވަތްތެރިކަމުގެ ނިރު، ބަދުރުގެ ޙާދިޘާއަށްފަހުވަނީ ހެދިފޯދި ބިޔަގަހަކަށްވެފައެވެ. އެދެމީހުންގެ ހިތުގައި ބަދަލުހިފުމުގެ އަލިފާންރޯވެ ހުޅުއަރާންފެށިއެވެ. ނަތީޖާއެއްގެގޮތުން މުޞްޠަލިޤުވަންހަ ތައްޔާރުވާންފެށީ މަދީނާގެ މައްޗަށް އޮތްފުށް ވަތަށްޖަހައިލުމަށެވެ. އެކިގާކޮޅު ވަކިވަކިކޮށްލުމަށެވެ. މުޞްޠަލިޤުވަންހައިން ޢަރަބީންގެ އެހެނިހެން ޤަބީލާތަކާ ގުޅައިގެން މީހުން އެއްކޮށް އެބައިމީހުންގެ އަފުރާދީ ބާރު ވަރުގަދަކުރިއެވެ. ހަތިޔާރުތައް އުފައްދައި ތޫނުކޮށް ގުދަންކުރަމުން ގެންދިޔައެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށް އެ ޚަބަރު ލިބިވަޑައިގަތުމާއެކު ޤަޞްދުކުރެއްވީ ޢަސްކަރީ ފިޔަވަޅެއް އެޅުއްވުމުގެކުރީން އެޚަބަރުގެ ދޮގުތެދު ބެއްލެވުމަށެވެ. އެހެންކަމުން، އިތުރު ސާހިބާގެ ފިދާއީއެއްކަމުގައިވާبريدة بن الحصيب الأسلمى رضى اللّـه عنهއެބައިމީހުންގެ ގާތަށް ފޮނުއްވިއެވެ. ކަންހުރިނެތްގޮތް ބައްލަވައިލެއްވުމަށެވެ. ޞައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވައި ތަދުބީރުތައް ރޭއްވެވުމަށެވެ.
بريدة بن الحصيب الأسلمى رضى اللّـه عنهމުޞްޠަލިޤުވަންހައިގެ ގާތަށް ވަޑައިގެން އެޤަބީލާގެ ރައީސްالحارث بن أبى ضرارއާ ބައްދަލުކުރެއްވިއެވެ. އެޤަބީލާގެ ކުރިޔަށްތިބި މީހުނާ މަޝްވަރާކުރެއްވިއެވެ. ޒުވާނުންގެ ޢަސްކަރީ ހޭލަމޭލަވުން ލޯފުޅުން ދެކެވަޑައިގެންނެވިއެވެ. ހަތިޔާރު އުފައްދާ މީހުން އަވަދިނެތިކުރަމުން ގެންދިޔަ މަސައްކަތް ބައްލަވައިލެއްވިއެވެ. ޤަބީލާގެ އެންމެންގެ ޤަޞްދާއި ޢަޒުމް އޮތްގޮތް އޮޅުންފިލުއްވިއެވެ. އެއެންމެންގެވެސް ހިތްތަކަށާއި ސިކުނޑިތަކަށް ވެރިވެފައިވާތީ ފެނިވަޑައިގަތީ ހަނގުރާމައިގެ ފުރޭތައެވެ. ޚާއްޞަކޮށް ޤަބީލާގެ ރައީސްالحارث بن أبى ضرارފާޅުގައި ވިދާޅުވީ އޭނާ މަދީނާއަށް ޙަމަލަދެއްވަން ޤަޞްދުކުރައްވާ ކަމުގައެވެ.
بريدة بن الحصيب رضى اللّـه عنهއެނބުރިވަޑައިގެން މުޞްޠަލިޤުވަންހައިގެ މީހުންގެ ބަސްމަގާއި ޢަމަލުތައް ހުރިގޮތުގެ ފުރިހަމަ ލަފްޒީ ތަސްވީރެއް ހުށަހެޅުއްވިއެވެ. އިސްލާމީ ދައުލަތުގެ ކޮމާންޑަރ އިން ޗީފް ހަމަ އެވަގުތު ދައުލަތުގެ ސަލާމަތަށްޓަކައި ރޭއްވެވުންތައް ރާއްވަވަން ފެއްޓެވިއެވެ. ނުހަނު ހަލުވި އަވަސް ފިޔަވަޅުތަކެއް އަޅުއްވާން ފެއްޓެވިއެވެ. އިސްލާމީ ލަޝްކަރަށް އަވަހަށް ހަނގުރާމަޔަށް ތައްޔާރުވުމުގެ އޯޑަރު ނެރުއްވިއެވެ. ނަތީޖާއެއްގެގޮތުން މަދީނާގެ މަސްރަޙު ގުގުމަންފެށިحيىّ على الجهادގެ ނަޣަރާގެ އަޑުންނެވެ. އެހާރުން އިސްލާމީ ސިފައިން ހަނގުރާމަޔަށް ތައްޔާރުވެގެން ނިކުމެއްޖެއެވެ. އިސްލާމީ މުޖާހިދުންގެ ޢަދަދަކީ ހަތްސަތޭކައެވެ. އެންމެ އިސްކޮމާންޑަރަކީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ އަނބިއަނބިކަނބަލުންކުރެأمّ المؤمنين السّيّدة عائشة رضى اللّـه عنهاއާއި،أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنهاއަރިހުގައި ގެންދަވާގޮތަށް ހަމަޖެއްސެވިއެވެ. އިތުރު ސާހިބާގެ ނާއިބެއްގެ ޙައިޘިއްޔަތުން މަދީނާގެ މައްޗަށް ވެރިކުރެއްވީزيد بن حارثة رضى اللّـه عنهއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއިސްލާމީ ލަޝްކަރާއިގެން ހަލުވި ދަތުރުފުޅެއް ކުރައްވަމުން ވަޑައިގެން މުޞްޠަލިޤުވަންހައިގެ އެންމެ ޚާއްޞަ ފެނުގެ ޒަޚީރާކަމުގައިވާ މުރައިސީޢުގެ ކައިރިޔަށް މަޑުކުރައްވައި އެފެންގަނޑު އިސްލާމީ ލަޝްކަރުގެ ބާރުގެ ދަށަށްގެންދެވިއެވެ. އެއީ ހިޖްރައިން ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ ދެވަނަ ދުވަހެވެ. މީލާދީން 626 ވަނައަހަރުގެ ޑިސެމްބަރުމަހުގެ ދުވަހެކެވެ. ދުޝްމިނުންގެ ފެނުގެ ޒަޚީރާތައް މުސްލިމުންގެ ބާރުގެ ދަށަށް ގެންދެވުމަކީ އިސްލާމްދީނުގެ ނަބިއްޔާ
صلّى اللّـه عليه وسلّمގެ ވަރަށް ޚާއްޞަ ޢަސްކަރީ ޙިކުމަތުޢަމަލީއެކެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއިސްލާމީ ލަޝްކަރާއިގެން އަލްމުރައިސީޢުގެ ކާރިޔަށް ވަޑައިގަތުމުގެ ތިންރޭކުރީން އެއްރެޔަކުالسّيّدة برّة بنت الحارثއަށް ވަރަށް ޚާއްޞަ ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. މަދީނާގެ އުދަރެހުން ހަނދުއަރައިގެންއައިސް އެކަމަނާގެ އުނގުފުޅަށް ވެއްޓުނީތީއެވެ.السّيّدة برّةވިދާޅުވާގޮތުގައި އެހުވަފެންފުޅުގެ ވާހަކަ ދެއްކެވުމަކީ މަޞްލަޙަތާ ޚިލާފުކަމެއްކަމުގައި ފެނިވަޑައިގެން އެކަމަނާ އެހުވަފެންފުޅު ސިއްރުކުރެއްވިއެވެ. މުރައިސީޢު ހަނގުރާމައިގައި އެކަމަނާ ހައްޔަރުވެވަޑައިގަތުމުން އެހުވަފެންފުޅު ސީދާވުމުގެ ވަގުތުޖެހިއްޖެކަމަށް ހިތްޕުޅަށް ފެނިވަޑައިގެންނެވިއެވެ.
(ނުނިމޭ)