05 Apr 2016, 09:45
މެންޗެސްޓާ ސިޓީއަށްވުރެ ރަނގަޅު ކުޅުމެއް މެންޗެސްޓާ ޔުނައިޓެޑުން ދައްކާ ކަމަށް އެކްލަބުގެ މިޑްފީލްޑަރު އެންޑާ ހެރޭރާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ބާކީ ހަތް މެޗު އޮތްއިރު، ހަތަރު ވަނައިގައި އޮތް ސިޓީއާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ. ލީގުގައި މިދިޔަ މަހު ރަށުން ބޭރުގައި ކުޅުނު މެޗުގައި ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 1-0 ލަނޑުންނެވެ. އެ މެޗުގައި ޔުނައިޓެޑްގެ ލަނޑު ޖަހައިދިނީ ޒުވާން ފޯވަޑް މާކަސް ރެޝްފޯޑެވެ.
"އެންމެ ފަހުން ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ފެނުނު އަހަރެމެން އެމީހުންނަށްވުރެ ރަނގަޅު ކުޅުމެއް ދައްކާކަން. މެންޗެސްޓާ ޑާބީ މެޗުގައި އަހަރެމެން އެމީހުން ބަލިކޮށްފަ ވާނެ،" ހެރޭރާ ބުންޏެވެ.
ސްޕެއިން މިޑްފީލްޑަރު ހެރޭރާ ބުނީ، އަނިޔާވެފައިވާ ކުޅުންތެރިން ފިޓުވުމުން އެޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށާއި ސިޓީގެ މައްޗަށް ޔުނައިޓެޑަށް ކުރި ހޯދައި، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދިދާނެ ކަމަށެވެ.
"އަހަރެމެންނަށްވުރެ، ރަނގަޅު ސްކޮޑެއް ސިޓީގައި އެބައޮތް. މޮޅެތި ކުޅުންތެރިންތަކެއް ސިޓީގައި އެބަތިބި. އެކަމަކު އަހަރެމެންނަށް އެމީހުންގެ މައްޗަށް ކުރި ހޯދިދާނެ. އެޝްލީ ޔަންގު، އެންޓޯނިއޯ ވެލެންސިއާ، ފިލް ޖޯންސް އަދި ލޫކް ޝޯއަށް ލިބުނު އަނިޔާތައް އަންނަނީ ރަނގަޅުވަމުން،" އޭނާ ބުންޏެވެ.
ލީގުގައި ސިޓީ ކުޅުނު 31 މެޗުން ލިބުނު 54 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތްއިރު، 31 މެޗުން ލިބުނު 53 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ފަސް ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި ލެސްޓާ ސިޓީ އޮތީ 69 ޕޮއިންޓާއެކު އެވެ. ލެސްޓާއާއި ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.