އިންސާނީ ވަގުފާރިއަށް މީހުން ހޭލުންތެރި ކުރުވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އިކޮނޮމިކް މިނިސްޓްރީ އާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކޮށްފި އެވެ.

ރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ހަލީލު އެވެ. އިކޮނޮމިކު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އިންސާނީ ވަގުފާރިއަށް މީހުން ހޭލުންތެރި ކުރުވުމުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ޕީޖީ ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ، އިންސާނީ ވަގުފާރިއަކީ އެހެން ޖިނާއީ ކުށްތަކާއި ހިލާފަށް މަދުވެގެން ދެ ގައުމެއް ޝާމިލް ވާގޮތުން ކުރެވޭ ކުށެއް ކަމަށެވެ.

"މިފަދަ ކުށްތަށް ކުރާ ފަރާތްތަކަކީ ރޭވުންތެރިކަމާއެކު ވަސީލަތްތައް ބޭނުންކޮށްގެން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އޮޅުވާލައިގެން އެމީހުން ބޭނުންވާ މަގުސަދު ހާސިލު ކުރަން މަސައްކަތް ކުރާ ބައެއް،" ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، އެފަދަ ކުށް ކުރާ ފަރާތްތަކަށް ހައްގު ފިޔަވަޅު އެޅުމަށް އަބަދުވެސް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށެވެ. އަދި ކުށް ކުރީ ކިހިނެއްތޯ ހޯދައި ބަލައި އެ ކުށް ދެވަނަ ފަހަރަށް ތަކުރާރު ނުކުރެވޭނެ ކަން ޔަގީން ކުރުމަކީ ޒިންމާއެއް ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.

"ކުށް ކުރި ފަރާތް ކާމިޔާބު ކަމާއެކު ޕްރޮސެކިއުޓް ކުރެވޭނީ އަޅުގަނޑުމެންގެ އެކުވެރި ގައުމުތަކުގެ އެއްބާރުލުންވެސް ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ލިބިގެންކަން ޔަގީން،" ޕީޖީ ވިދާޅުވި އެވެ.

އިންސާނީ ވަގުފާރިއަށް މީހުން ހޭލުންތެރި ކުރުވުމުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކު މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކު މިނިސްޓަރު ވިދާޅުވީ، ރާއްޖެ ތަރައްގީވަމުން އަންނަ އިރު އެކި މަސައްކަތްތަކަށް ރާއްޖެ އަންނަ ބިދޭސީންގެ އަދަދު ގިނަވާނެ ކަމަށެވެ. އެހެންނަމަވެސް މައްސަލައަކީ ބިދޭސީން އެތެރެ ކުރުން ނޫން ކަމަށާއި މައްސަލައަކީ އެމީހުން އެތެރެ ކުރާއިރު އުސޫލުތަކަށް އަމަލު ނުކުރުން ކަމަށެވެ.

"މިއަދު ހުރިހާ ވިޔަފާރިތަކުންވެސް އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި އެބަ ޖެހޭ މި ކަންކަން ބަލައިގަންނަން... މަސައްކަތް ކުރާ އާބާދީތަކުގެ ކަންތައްތަކަށް އެޑްރެސް ކުރަމުން ޒަމާނާ އެކަށީގެންވާ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ބައްޓަން ކުރެވެމުން އެ ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލު ކުރުމަށްޓަކައިވެސް މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޕްލޮއިމަންޓް ރެކްރޫޓް ކުރާ ގަވައިދު މިހާރު އަލުން އެކުލަވާލައިފައިވާ ކަމަށާއި އެ ގަވާއިދަށް ގެނެވުނު އިސްލާހުގެ ތެރެއިން ރަޖިސްޓްރީ ކޮށްގެން ނޫނީ ރެކްރޫޓްމަންޓް އެޖެންސީއެއް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

ހަމައެއާއެކު، އިމިގްރޭޝަންގެ ތެރެއިން ވެސް މީހުން ރެކްރޫޓް ކުރާ ގައުމުތަކުގެ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ، ލޭބާ މައިގްރޭޝަންގެ ވިކްޓިމް ސަޕޯޓު ހޮޓްލައިން އަކާއި ލުއި ފޮތެއްވެސް އިފްތިތާހުކޮށްފަ އެވެ. އެ ހޮޓްލައިން އާއި ފޮތް އިފްތިތާހުކޮށްދެއްވީ ޕީޖީ އައިޝަތު ބިޝާމް އެވެ.