05 Apr 2016, 09:28
ސްވިސް ކޮންފެޑަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ހ.މީނާޒް, ޑޮކްޓަރ ހާލާ ހަމީދު އައްޔަންކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެ މަގާމަށް ޑރ. ހާލާ ހަމަޖައްސަވައިދެއްވުމާ މެދު މަޖިލީހުން މަޝްވަރާކޮށް، ގޮތެއް ނިންމަވައިދެއްވުމަށް އެެދި ރައީސް ޔާމީން ފޮނުއްވި ސިޓީފުޅު މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.
މިވަގުތު ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމުވެސް ފުުރުއްވަމުން ގެންދަވަނީ ޑރ. ހާލާ އެވެ.
ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވެވި ޑރ. ހާލާ ހަމީދު ފަހުން ޕޮލިސް އިންޓަގްރެޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި މަސައްކަތް ކުރެއްވުމަށް ފަހު 2013 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
އެއަށް ފަހު ޑރ. ހާލާ މަސައްކަތް ކުރައްވާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު މަހު ހާލާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ބަދަލުކޮށްފަ އެވެ.
އަދި މިދިޔަ އޮކްޓޫބަރު މަހު ރައީސް ޔާމީން ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ހާލާ ބަދަލުކުރައްވާފަ އެވެ.