05 Apr 2016, 09:14
ފެން ދޫކުރުމަށް ދިމާވި މައްސަލަ ހައްލުކޮށް އާންމު އުސޫލުން ފެން ދޫކުރަން ފެށިނަމަވެސް އަދިވެސް ފެން ނުލިބޭކަމަށް ބައެއް އާންމުން ބުނަން ފަށައިފިއެވެ.
ޕްރެޝަރުގައި ފެން ދޫކުރުމަށް ދިމާވި މައްސަލަ އާދިއްތަ ދުވަހުގެ ދަންވަރު ހައްލުކޮށްފައިވާކަމަށް އެމްޑަބްލިޔުއެސްސީއިން ބުނާއިރު ސަންއަށް މައުލޫމާތު ހިއްސާކުރި ބައެއް އާންމުން ބުނެފައިވަނީ ފަސް ވަނަ ފްލޯއާއި ހަ ވަނަ ފުލޯއަށް ފެން ނުލިބުމުގެ މައްސަލަ އަދިވެސް ހައްލުނުވާ ކަމަށެވެ. އެފަރާތްތަކަށް ފެން ނުލިބޭ ކަމަށް ބުނެ އެފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމެންޓް ހުސައިން އިބްރާހިމް މިއަދު "ސަން"އަށް ވިދާޅުވީ، ފެން ނުލިބިގެން ހުށަހަޅަމުން އަންނަ މައްސަލަތައް ބަލަމުން އަންނަކަމަށާއި އެއީ އަބަދުވެސް އަންނަމުންދާ ޝަކުވާތަކެއް ކަމަށެވެ.
"އެ ވެދާނެ އެސަރަހައްދެއްގައި ހުރިކަމަކުންވެސް، ނޫނީ ނެޓްވޯކުގައި އިން ކަމަކުންވެސް، ނޫނިއްޔާ އެތަނުގައި އިން ބޫސްޓާއެއްގެ މައްސަލައަކުންކަމަށްވެސް، އެހެންވީމަ ބަލަމުން އެބަދޭ،" ހުސެއިން ވިދާޅުވިއެވެ.
މަތީ ފުލޯތަކަށް ފެން ލިބުމުގައި ދަތިތައް ކުރިމަތިވަނީ އެއިމާރާތްތަކުގައި އުސޫލާއި އެއްގޮތަށް ބޫސްޓާ ސިސްޓަމް ހަރުކޮށްފައިނުވުމުގެ ސަބަބުން ކަމުގައިވާތީ އެސިސްޓަމް ހަރުކުރުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.
ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީ އިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ތިން ވަނަ ބުރިން މަތީ ފުލޯތަކަށް އާދިއްތަ ދުވަހު ފެން ލިބުމުގައި ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ.