ނޫސްވެރިންގެ ހައްގުތަކަށް ގޮވާލައި ބައެއް ނޫސްވެރިން ކުރި މުޒާހަރާއިން ހައްޔަރު ކުރި ނޫސްވެރިން ބަންދުގައި ތިބި އިރު ހިނގައިދިޔަ ކަންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެ ހައްޔަރު ކުރި ނޫސްވެރިން، 10 ގަޑިއިރު ފަހުން ރޭ ވަނީ ދޫކޮށްލާފަ އެވެ. އަދި އެ ނޫސްވެރިން މިއަދު އެކި ގަޑިތަކުގައި ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގަށް ބަޔާން ނަގާފައެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓުގެ ޗީފް އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ ހައްޔަރު ކުރި ހުރިހާ އަންހެން ނޫސްވެރިންގެ "ސްޓްރިޕް ސާޗް" ދެ ފަހަރަށް ކުރި ކަމަށާއި އެއީ ލަދުގެންނެވުމަށް ކުރި ކަމެއް ކަމަށެވެ.

3 މާރިޗު ވަނަ ދުވަހު ނޫސްވެރިން ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ބައެއް ނޫސްވެރިން -- ސަން ފޮޓޯ/މާހިލް މުހައްމަދު

"ހުރިހާ އަންހެން ކުދިން ދެ ފަހަރު ބަލައި ފާސްކުރި، ސްޓްރިޕް ސާރޗް ކުރީ ހެދުން ބާލުވާފައި. 20 މިނިޓު ދާނީ އެ ދޭތެރޭގައި. އެބޭފުޅުން 'ފުލުުހުން' ވިދާޅުވާ ގޮތުގައި އެއީ އާންމުކޮށް އޮންނަ އުސޫލު. 20 މިނިޓު ތެރޭގައި ދެ ފަހަރަށް ހުރިހާ ހެދުމެއް ބޭލުމަށް އެންގުމަކީ، އެއީ އަންހެން ކުދިންނަށް ވީތީ ލަދުގަންނަވަން ކުރި ކަމެއް،" ޒަހީނާ ބުންޏެވެ.

އެޗްއާރުސީއެމްއިން މީގެ ކުރިން ވަނީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ބަރަހަނާކޮށްގެން ބަލައި ފާސްނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިވަޑައިގެންފައެވެ.

އެ ކޮމިޝަނުން ބުނީ އެކަން ކުރާ ހާލަތެއްގައި، އެކަން ކުރަން ޖެހޭނީ އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ، އަދި އެކަން ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކެއް ކަމަށް ކަނޑައެޅުމަށް ކަމަށެވެ.

ޒަހީނާ ވިދާޅުވީ، އަންހެން ނޫސްވެރިން ބަންދުކޮށްފައި ހުރި ގޮޅީގައި މީދަލާއި، ގިނަ އަދަދެއްގެ ހިނި ވެސް އުޅުނު ކަމަށާއި ފާރުގައި ދަތް އުނގުޅާ ބޭހުން އެއްޗެހި ލިޔެފައިވާ ވެސް ހުރި ކަމަށެވެ. އަދި ފާހަނާ ވެސް ހުރީ "ބެދިފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރޭގައި ދޫކޮށްލި ދޫކޮށްލުމުން ވެސް އެނގެނީ އެއްފަހަރު ވެސް ހައްޔަރު ކޮށްގެން ވާނެ ބައެއް ނޫންކަން 'ނޫސްވެރިންނަކީ'،" ޒަހީނާ ވިދާޅުވިއެވެ.

ހަވީރު ނޫހުގެ ނޫސްވެރިޔާ އަލީ ނާފިޒް ބުނީ، އިއްޔެ ނޫސްވެރިން މުޒާހަރާ ކުރީ ސިޔާސީ ޑިމާންޑެއް ކުރުމަށް ނޫން ކަމަށާއި އެ މުޒާހަރާ ކުރީ ނޫސްވެރިންގެ ހައްގުތައް ގެއްލިފައި ވާތީ ކަމަށެވެ. ނާފިޒް ބުނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނޫސްވެރިންނަށް އެކި ކަހަލަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ޕްރެސް ކޮންފެރެންސް ޝަހީދު ހުސައިން އާދަމް ބިލްޑިންގް ކައިރީ ނުބޭއްވޭނެ ކަމަށް ފުލުހުން ނޫސްވެރިންނަށް އަންގަނީ -- ސަން ފޮޓޯ: މާހިލް މުހައްމަދު

"ހުރިހާ ނޫސްވެރިންގެ ހައްގުގައި އަޅުގަނޑުމެން އަޑު އުފުލީ މައިގަނޑު ދެ ކަމަކަށް. އެއީ ނޫސްވެރިކަމަށް ހުރަސް ނޭޅުމަށާއި ނޫސްވެރިންނަށް ހިމާޔަތް ދިނުމަށް. އަޅުގަނޑުމެން ސިޔާސީ ޑިމާންޑެއް ނުކުރަން. އެއްވެސް މީހެއްގެ އިސްތިއުފާއަށް ވެސް ނުގޮވަން،" ނާފިޒު ބުންޏެވެ.

ސަންގު ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އިއްޔެ އެއްވުމެއް ބޭއްވީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ކަމަށާއި، ހައްޔަރު ވުމަކުން އެ މިނިވަންކަން ނުލިބޭނެ ކަމަށެވެ.

އަސްވާޑު ވިދާޅުވީ، އިއްޔެ މުޒާހަރާއިން ނޫސްވެރިން ހައްޔަރުކުރީ ފުލުހުންގެ އިރުޝާދުތަކާ ވެސް އެއްގޮތަށް މުޒާހަރާ ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވަރަށް ކައިރިން ޕެޕާ ސްޕްރޭ ޖެހި ކަމަށާއި، އޭނާގެ ކަންފަތަށް ވެސް އެ ވަދެފައިވާ ކަމަށެވެ.

"ދިލަ ނަގާވަރުން ނުވެސް ނިދުނު. އެބޭފުޅުން އަޅުގަނޑަށް މެޑިކަލް ފޯރުކޮށްދިންކަން ފާހަގަ ކޮށްލަން. އެހެން ނަމަވެސް އެއީވެސް ވަރަށް ގިނަ އިރު ފަހުން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން އެތަނަށް ވަޑައިގަތުމުގެ ފަސް ވަރަކަށް މިނޓު ކުރިން،" އަސްވާޑު ވިދާޅުވި އެވެ.

3 މާރިޗު ވަނަ ދުވަހު ނޫސްވެރިން ބޭއްވި މުޒާހަރާގައި ހައްޔަރުކުރި ބައެއް ނޫސްވެރިން މީޑިއާއަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/މާހިލް މުހައްމަދު

ހައްޔަރުކޮށްގެން ގެންދިޔަ ނޫސްވެރިންނަށް ކެއުމުގެ އިންތިޒާމު ވެސް ހަމަޖެހިގެން ދިޔައީ އެޗްއާރުސީއެމްގެ މެމްބަރުން އެތަނަށް ހާޒިރުވެ، އެތަނުގެ ބޭރުގައި މަޑުކޮށްގެން ތިއްބައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްގުތައް ހޯދުމަށް ނޫސްވެރިން އިސްނަގައިގެން އިއްޔެ ކުރި މުޒާހަރާ ރައީސް އޮފީސް ކުރިމަތީގައި ކުރިއަށް ގެންދަނިކޮށް އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި 19 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ދުވަހު ނޫސް "ހަވީރު" އާއި ރާއްޖެޓީވި އާއި ސަންގުޓީވީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންގެ އިތުރަށް ވީނިއުސްގެ ނޫސްވެރިއަކު ހިމެނެ އެވެ.