މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މާދަމާ ނިއުރޭޑިއެންޓާ ދެކޮޅަށް މާޒިޔާ ނުކުންނާނީ އެ މެޗު ކާމިޔާބުކޮށް، ޗެރެޓީ ޝީލްޑް ދިފާއު ކުރަން ކަމަށް އެ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މާދަމާ ރޭގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ މިވަގުތުގެ ވިސްނުން ހުރީ ހަމަ އެކަނި ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކުރަން ކަމަށާއި ކުރިއަށް އޮތް ސީޒަނާ މެދު ވިސްނާނީ އެ މެޗަށް ފަހު ކަމަށެވެ.

"އެންމެ މެޗެއްގެ ރިޒާލްޓަށް މަސަތްކަތް ކުރާއިރު މާޒިޔާ ވެސް ވިސްނާނީ އެއީ ފައިނަލެއް ކަމަށް. އެއީ ނަތީޖާ ނެރޭނެ މެޗަކަށްވުމުން އެކަމަށް ތައްޔާރު ވެގެން މި ހުރީ. މާޒިޔާގެ އަމާޒަކަށް ވާނީ ދެ ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް ހޯދުން،" ސުޒޭން ބުންޏެވެ.

ވޭތުވެ ދިޔަ ތިން އަހަރު ވެސް ޗެރިޓީ ޝީލްޑް މެޗުގައި ނިއު އާއި މާޒިޔާ ބައްދަލު ކޮށްފައިވާ އިރު ފުރަތަމަ ދެ އަހަރު މާޒިޔާ ބަލިކޮށް ނިއު ވަނީ ޗެރިޓީ ޝީލްޑް އުފުލާލާފަ އެވެ. އެހެން ކަމުން މިރޭގެ މެޗަށް މާޒިޔާ ނުކުންނާނީ އެ މެޗު ކާމިޔާބުކޮށް ނިއުގެ ރިކޯޑާ އަރާ ހަމަކުރާށެވެ.

"މާޒިޔާގެ އިތުރުން ނިއު ވެސް ވަނީ ސީޒަންގެ ފުރަތަމަ މެޗަށް ނުކުންނައިރު އޭއެފްސީ ކަޕްގައި ވާދަވެރި މެޗުތަކެއް ކުޅެފަ. އެހްނެ ކަމުން މާދަމާގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މާޒިޔާގައި ގިނަ އަދަދެއްގެ ގައުމީ ޓީމުގެ ކުޅުންތެރިން ތިބި ނަމަވެސް އެއީ އޭނާ އަށް ކުރިމަތިވާނެ ޕްރެޝަރެއް ނޫން ކަމަށާއި ނިއުއަކީ ވެސް ބަލި ޓީމެކޭ ބުނުމުގެ ޖާގައެއް ނެއް ކަމަށެވެ.

"ވަރަށް ބޮޑު ޝަރަފެއް މާދަމާގެ މެޗުގައި އެއްކޮޅުން ނުކުތުމަކީ. އެއީ ރާއްޖޭގެ އެންމެ ބޮޑު ކުލަބާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗަކީ ރާއްޖެ އައި ބިދޭސީ ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބް ކޯޗު،" ސުޒޭން ބުންޏެވެ.

ކުރިން ބާއްވަމުންދިޔަ ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް މާޒިޔާ ނުކުންނައިރު އެ ޓީމަށް އަނިޔާގެ މާ ބޮޑު މައްސަލައެއް ނެތް ކަމަށް ސުޒޭން ބުންޏެވެ.

"ޖުމްލަ ގޮތެއްގައި ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޓްކޮށް. ކުރިން އެއްގޮތަކަށް ވެސް ނުކުޅެވޭ ގޮތަށް ހުރި މުހައްމަދު އުމައިރު ވެސް މިހާރު ކުޅެވޭނެ. ނުކުޅެވޭނެ ތިބީ އަހުމަދު ރަޝީދު އާއި ހުސެން ނިޔާޒް އެކަނި،" ސުޒޭން ބުންޏެވެ.

މާޒިޔާ އާއި ނިއު ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗު މާދަމާ ރޭ 9:00 ޖަހާއިރު ރަސްމީ ބޯޅަ ދަނޑުގައި ފަށާނެ އެވެ.