ޖަޕާނުގައި ބާއްވަމުން އަންނަ ޑައިވް ފެއާ އަކުން ރާއްޖެއަށް ދެ އެވޯޑެއް ލިބިއްޖެ އެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މި މަހުގެ އެކަކުން އިއްޔެގެ ނިޔަލަށް ބޭއްވި "މެރިން ޑައިވިން އެންޑް ބީޗް ރިސޯޓް ފެއާ" ގައި ދޭ "ޑައިވް އެންޑް ޓްރެވަލް އެވޯޑްސް 2016" އިން ރާއްޖެއަށް ވަނީ، "ބެސްޓް ޑްރީމިން އޭރިއާ" ކެޓަގަރީން އެއް ވަނަ ލިބިފަ އެވެ.

މިއީ ޖެހިޖެހިގެން އެ އެވޯޑް ރާއްޖެއަށް ލިބުނު އަށްވަނަ ފަހަރެވެ. ރާއްޖެއަށް އެ އެވޯޑް ލިބިފައި ވަނީ ދުނިޔޭގެ މަޝްހޫރު ޑައިވިން ސަރަހައްދުތައް އޮންނަ ޕަލާއޯ އަދި މެކްސިކޯއާ ވާދަކޮށެވެ.

މީގެ އިތުރުން، "ބެސްޓް ޑައިވިން އޭރިއާ" ގެޓަގަރީން ރާއްޖެ އަށް ވަނީ ދެ ވަނަ މަގާމު ލިބިފަ އެވެ.

އެ އެވޯޑްތަކާ ރާއްޖޭ ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ހަލީލެވެ.

ރާއްޖެއަށް ލިބުނު އެވޯޑްތަކުގެ އިތުރުން ރާއްޖޭގެ ދެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ސަފާރީ ރޯޔަލް އަށާއި އީކުއޭޓާ އަށް ވަނީ "ބެސްޓް ލިވް އަބޯޑް"ގެ ކެޓަގަރީން ދެވަނަ އަދި ތިން ވަނަ ލިބިފަ އެވެ.

މެރިން ޑައިވިން އެންޑް ބީޗް ރިސޯޓް ފެއާއަކީ 1993 ވަނަ އަހަރުން ފެށިގެން އޭޝިއާ ބައްރުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެންމެ ބޮޑު ޑައިވް ފެއާއެވެ. އަދި މިއަހަރު އެ ފެއާއަށް 50 ހާހަށްވުރެއް ގިނަ މީހުން ޒިޔާރަތްކޮށްފައިވެ އެވެ.

އެ އެވޯޑުގައި ތެރެއިން ދެމުން އަންނަ "ޑައިވް އެންޑް ޓްރެވަލް އެވޯޑްސް" އަށް ވަނަތައް ހޮވަނީ ޖަޕާނުގެ މެރިން އާޓް ސެންޓަރުން ނެރޭ ދެ ޑައިވިން މެގަޒިން، "ޓްރެވަލް ޑައިވާ" އަދި "މެރިން ޑައިވިން" ގެ ކިޔުންތެރިންނެވެ.