މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ފަސް ޑައިވްކިޓް ހަދިޔާކޮށްފި އެވެ.

އެއީ އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކޯސްޓްގާޑަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

އެމްޓީސީސީ ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ކިޓްތައް ކޯސްޓްގާޑަށް ހަދިޔާކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ކޮމާންޑަންޓް ކާނަލް މުހައްމަދު އިބްރާހިމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ، އެ ކުންފުނިން ތަރައްގީގެ ގިނަ މަޝްރޫތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާއިރު، އެމްއެންޑީއެފުން އަދި ސަރުކާރުގެ އެހެން މުއައްސަސާތަކުން ވެސް އެ ކުންފުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކުން ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ހަލީމް އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އެމްޓީސީސީން މިއަދު ހަދިޔާ ކުރި ތަކެއްޗަކީ ކޯސްޓްގާޑުން މިހާރު ވެސް ކުރަމުން އަންނަ ކަންކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދޭނެ ތަކެތި ކަމަށެވެ.

އެކަމަށްޓަކައި މިނިސްޓަރު އެމްޓީސީސީގެ ޓީމަށް ޝުކުރު އަދާކުރެއްވި އެވެ.