މާލެއައި ހުޅުލެއާ ދެމެދު ގާއިމުކުރެވޭ ބްރިޖުގެ މަސައްކަތް ކުރިއަށް ދާތީ، އެސަރަހައްދުގައި ހުރި އުރީދޫ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްއާ މާލެއާ ގުޅުވައިދޭ ލިންކު ރީލޮކޭޓު ކޮށްފި އެވެ.

އުރީދޫއިން ބުނީ، މި މަސައްކަތް ކޮށްފައި ވަނީ އުރީދޫގެ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް، ވަރަށް ކާމިޔާބު ކަމާ އެކުގައި ކަމަށެވެ. އެގޮތުން، އެ މަސައްކަތް ކުރިއަށް ދިޔަ އިރު އުރީދޫގެ އެއްވެސް ޚިދުމަތެއް މެދު ނުކެނޑޭނެކަން ކަށަވަރު ކުރުމަށްޓަކައި، އުރީދޫއިން އެ ކުންފުނީގެ ބެކްއަޕްގެ ގޮތުގައި އުރީދޫގެ މައިކްރޮވޭވް ނެޓްވޯކުގެ ބޭނުން ހިފި ކަމަށް އުރީދޫއިން ބުންޏެވެ.

ސަބްމެރިން ކޭބަލް ލިންކު ހުންނަނީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އަޅާ ސަރަހައްދުގަ އެވެ. އެ ލިންކު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީން އެދުމާއެކު، އެ މަސައްކަތް އުރީދޫއިން ވަނީ މާޗު 30 ވަނަ ދުވަހު ފަށައިފަ އެވެ. އަދި މިއަދު އެ މަސައްކަތް ކާމިޔާބު ކަމާ އެކު ވަނީ ނިންމާލައިފަ އެވެ.

އުރީދޫއިން ބުނީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ފައިބާ އޮބްޕިޓް ސަބްމެރިން ކޭބަލްއެއް އެޅުމުގެ މަސައްކަތް އުރީދޫއިން ފަށާފައިވާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިންޓަނެޓު ޚިދުމަތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް ލިބި، ހުރިހާ ހިސާބަކަށް ވެސް އެއް ފެންވަރެއްގެ، ފުރިހަމަ ސްޕީޑުގެ ފައިބާ އިންޓަނެޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

އަދި ކައިރި މުސްތަގުބަލެއްގައި އުރީދޫގެ ފިކްސްޑް ލައިން އިންޓަނެޓު ޚިދުމަތް ދޭން ފަށާނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.