ފަސް އަހަރުގެ ކުޑަ އަންހެންކުޖަކާ އެކު ޖިންސީ އަމަލެއް ހިންގި 89 އަހަރުގެ ދިވެހި ފިރިހެނަކު 10 އަހަރަށް ޖަލަށް ލުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ އެރަށު މަސްކޮތަންގެ ރެކިފުތާ (89އ) ގެ މައްޗަށެވެ.

ރެކިފުތާގެ މައްޗަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެކިދުވަސް މަތީން ފަސް އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާތީއާއި މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެކުއްޖާއާމެދު ޖިންސީ އަމަލެއް ހިންގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށް އެކުއްޖާއާމެދު އެއްވެސް ކަހަލަ އަމަލެއް ހިންގާފައިވާ ނުވާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ދައުވާ ބެލުމަށްފަހު ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ޖެނުއަރީ 17 ވަނަ ދުވަހު ރެކިފުތާ އެގޭގައި ހުރި ގޮނޑިއެއްގައި އިންކަމަށާއި އަދި އެކުއްޖާ އޮތީ އެނދެއްގައިކަމާއި އަންހެނަކާއި ފިރިހެނަކު އެތާނގައި ތިބިކަމަށް ރެފިކުތާ ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެމީހުން ޝަރީއަތަށް ހާޒިރުކުރަން ބޭނުންނޫންކަމަށް ރެކިފުތާ ބުނި އިރު އޭނާއަށް ދިފާއީ ހެކިވެސް ދެއްކިފައެއް ނުވެ އެވެ.

އަދި ރެކިފުތާ އެ އަމަލު ހިންގިކަމަށް އަނިޔާލިބުނު ކުއްޖާ ކިޔައިދިންކަމަށާއި، އެ އަމަލު ހިންގިތަން ދުށް މީހަކު ތަހުގީގަށް ދީފައިވާ އޯޑިއޯ/ވީޑިއޯ އަދި ލިޔުމުގެ ބަޔާނުންނާއި މި މައްސަލާގައި ހުށަހެޅެނު މެޑިކޯ ލީގަލް ރިކޯޑުންނާއި އެސެސްމަންޓް ރިޕޯޓުން އެނގޭކަމަށްވެސް ހުކުމްގައިވެ އެވެ.

އެހެންކަމުން، ޤާނޫނުގައި ވާގޮތަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގާފައިވާކަން އެކަށީގެންވާ މިންވަރަށް ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާތީ އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެކަމަށް ކަނޑައަޅައި 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމްގައިވެ އެވެ.