އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ އޮތް މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ރޭ ގާ ބުރިއަކަކުން ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މޫސާ މަނިކު މިއަދު ވިދާޅުވީ ރޭގެ މުޒާހަރާގައި ބައިވެރިވި މީހަކު މޫސަ އަށް ހަމަލާދިނީ ބޮޑު ގާބުރިއަކުން ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ އިސްތަށިފުޅަށް ވަރަށް އަނިޔާވި ކަމަށެވެ.

"ގާބުރިން ޖެހުމުން އަޅުގަނޑުގެ ބޯ ފަޅައިގެނެއް ނުދޭ އެކަމަކު ވަރަށް ބޮޑަށް ދުޅަވި، މިހާރު މިއައީ ހޮސްޕިޓަލަށް ދައްކާފައި ފަރުވާ ހޯދައިގެން. ސީރިއަސް ނޫން ކަމަށް ޑޮކްޓަރު ބުނީ" އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ރީކޯ މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ސީރިއަސް އަނިޔާއެއް ނުލިބުނަސް އެހަމަލާ އާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރައްވާ މެމްބަރުންތަކެއް އިސްކޮށް އުޅުއްވާއިރު މުޒާހަރާގެ ތެރެއިން މޫސައަށް އެފަދަ ހަމަލާއެއް އަމާޒުވުމަކީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަސްމީންމެން މަހުލޫފްމެން ފަދަ ބޭފުޅުންނަކީ ޕާލަމެންޓްގައި އަޅުގަނޑުމެންނާ އެކު މަސައްކަތްކުރައްވާ ބޭފުޅުން. ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް އެއީ ވަރަށް އެކުވެރި ބޭފުޅުން. އެބޭފުޅުން އިސްކޮށް އުޅުއްވާ މުޒާހަރާއެއްގެ ތެރެއިން އަޅުގަނޑަށް މިފަދަ ހަމަލާއެއް ދިނީމަ ވަރަށް ދެރަވި،" މޫސަ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ގަލުން ހަމަލާދީގެން އޭނާ ދައްކަވާ ވާހަކަފުޅު ހުއްޓުވަން އުޅުމަކީ ވަރަށް ފިނޑިކަމެއް ކަމަށެވެ.

މޫސަ ވިދާޅުވީ އޭނާ އަށް ދިން ހަމަލާގެ ޝަކުވާ ފުލުހުންނަށް އުފުއްލަވާފައި ނުވާނެކަމަށެވެ. ނަމަވެސް އޭނާއަށް ހަމަލާދިން މަންޒަރު ފުލުހުންނަށް ފެނިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާއަށް ހަމަލާ ދިނީ ވީޓީވީގެ ކެމެރާތަކުގެ ކުރިމަތީގައި ކަމަށް ވާތީ އެހަމަލާގެ ފޫޓޭޖް ވީޓީގައި ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ރީކޯ މޫސަ އަށް ހަމަލާދިން މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.

"ރޭގެ މުޒާހަރާގައި ބައިވެރިވި މީހަކު ރީކޯ މޫސައަށް ހަމަލާދިން ކަމުގެ މައުލޫމާތު ވަނީ ލިބިފައި." ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.