04 Apr 2016, 18:21
ސަރުކާރު ހިންގާ މައި ޕާޓީގެ އެކްޓިވިސްޓުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މަގާމުތައް ދިނުމަކީ ޑިމޮކްރަސީ އާއި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ހުރަސް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
މީޑިއާގެ ކަންބޮޑުވުންތައް ފާޅުކުރުމަށް އިއްޔެ ގިނަ ނޫސްވެރިންތަކެއް ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނޫސްވެރިންތަކެއް ހައްޔަރު ކުރުމާ ގުޅިގެން އެ ޕާޓީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށާއި ޑިމޮކްރަސީގެ ހަމަތައް ހިފެއްހެއްޓުމަށް މިނިވަން ކަމާއެކު މަސައްކަތް ކުރާނެ މީޑިއާތަކެއްގެ މުހިންމުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.
ނަމަވެސް މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެ މީޑިއާއެއް ނުގެންދެވިއްޖެނަމަ، އެމީޑިއާއަކާއި ދެކޮޅަށް އެކި ސިފަސިފައިގައި ސަރުކާރުން ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
"ދިވެހި ބްރޯޑްކާސްޓް މީޑިއާއަށް ބާރާއި ނުފޫޒު ފޯރުވުމަށް، ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަގާމުތައް ދިނުމަކީ ޑިމޮކްރަސީއާއި މީޑިއާގެ މިނިވަންކަމަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ހުރަސް ކަމުގައި މިޕާޓީން ދެކެމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.
ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ހަ ނަންފުޅުގެ ތެރޭގައި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ދެ ބޭފުޅުން ހިމެނެ އެވެ. އެއީ ކ. ދިއްފުށި، ހުވަނދުމާގެ ފާޠިމަތު ޒައިނާ އަދި ގދ. ގައްދޫ، އަތީރީގެ ޒީނާ ޒާހިރު އެވެ.
އެ ދެ ބޭފުޅުންނަށްވެސް މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. އޭގެ އިތުރުން ކޮމިޓީ މަރުހަލާގައި އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި މަރިޔަމް ވަހީދާއަށް ރުހުން ދިނުމަށް ފާސް ނުވި އިރު، ފާސްވާ މިންވަރަށް މާކްސް ނުލިބޭ ދެ ބޭފުޅަކު އައްޔަން ކުރަން ވަނީ ރުހުން ދީފަ އެވެ.
އެެއީ އެ ދެ ބޭފުޅުންނަކީ ޅ.ހިންނަވަރު، ފަހަލަ، އިސްމާއިލް ޞަފްވާން އާއި ކ. މާލެ، ވ. ވެރޯނިކާ، ހަސަން ނަބާހު އެވެ. އެ ދެ ބޭފުޅުންނަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވާ ދެ ބޭފުޅުންނެވެ.
އަދާލަތު ޕާޓީން ބުނީ މިނިވަން މީޑިއާއަކީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ވަބާއާ ދެކޮޅަށް އޮތް އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ.
އަދި އިއްޔެ ގިނަ ނޫސްވެރިންތަކެއް ހައްޔަރު ކުރުމަކީ ސަރުކާރުން މިނިވަން މީޑިއާތަކަށް ހުރަސްއެޅުމަށް ތަކުރާރުކޮށް ހިންގަމުންދާ ކަންކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިއްޔެ މެންދުރު ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިންތަކެއް އިހްތިޖާޖު ކުރަމުންދަނިކޮށް، އެތަނުން ނޫސްވެރިން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 19 މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި ދުވަހު ނޫސް "ހަވީރު" އާއި ރާއްޖެޓީވި އާއި ސަންގުޓީވީ އާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިންގެ އިތުރަށް ވީނިއުސްގެ ނޫސްވެރިއަކު ހިމެނެ އެވެ.
ހައްޔަރު ކުރި ނޫސްވެރިން ދޫކޮށްލީ ހައްޔަރު ކުރިތާ 10 ގަޑިއިރު ފަހުން މިރޭ 10:30ގަ އެވެ.