04 Apr 2016, 17:14
ގޭގައި ބަހައްޓާފައި ހުންނަ ރިމޯޓުން ކޮންޓުރޯލް ކުރެވޭ އިިލެކްޓްރޯނިކް ތަކެތި ފޯނެއް ނުވަތަ ސުމާޓް ޑިވައިސްއެއް މެދުވެރިކޮށް ކޮންޓުރޯލް ކުރެވޭ ހިދުމަތް ދިރާގުން ތައާރަފްކޮށްފި އެވެ.
ދިރާގުން މިއަދު ތައާރަފްކުރި ހިދުމަތާ އެކު ގޭތެރޭގައި ބޭނުންކުރާ ތަފާތު އިލެކްޓްރޯނިކް ތަކެތި ކޮންޓުރޯލް ކުރުމުގެ ބާރު ސުމާޓް ޑިވައިސްއެއް ބޭނުންކޮށްގެން ލިބިގެންދެ އެވެ. އެގޮތުން ދުނިޔޭގެ ކޮންމެ ތަނެއްގައިހުރެގެން ވެސް އިންޓަނެޓްމެދުވެރިކޮށް އެ ގެއެއްގެ އޭސީ ނުވަތަ ލައިޓުތައް ނުވަތަ ޓީވީ ފަދަ ވަސީލަތްތައް ކޮންޓުރޯލް ކުރެވެ އެވެ.
ޗައިނާގެ ބްރޯޑްލިންކާއި ދިރާގު ގުޅިގެން ދޭ އެހިދުމަތުގެ ތަފްސީލް ދެއްވަމުން ދިރާގުގެ މާކެޓިން މެނޭޖާ ބްރޯޑްބޭންޑް އެންޑް ޑޭޓާ ސާވިސަސް މުހައްމަދު ފާހިރު ވިދާޅުވީ ގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ތަކެތި ބަދަލުނުކޮށް އެހިދުމަތައް ބަދަލުކުރެވޭނެ ކަމަށެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ
ދިރާގުން ވިއްކާ އެޑިވައިސް ގޭގެ އިންޓަނެޓާއި ކަނެކްޓް ކުރުމުން ގޭގެ އޭސީ ޖެއްސުން ފަދަ ކަންކަން ކޮންމެ ތަނެއްގައި ހުރެގެން ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސަމާޓް ގޭގެ ސެކިއުރިޓީ ސިސްޓަމަކާއި ސްމާޓް ޝޮކެޓުތައް ފަދަ ޑިވައިސްތައް ވެސް ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ.
އެތަކެތި ވިއްކުމަށް ދިރާގުން ވަނީ ހަތަރު ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރެއިން ބޭސިކް ޕެކޭޖެއް 2547 ރުފިޔާ އަށް ވިއްްކާއިރު ސްޓޭންޑާޑް ޕެކޭޖެއް ވިއްކަނީ 3906 ރުފިޔާ އަށެވެ. އަދި ޕުލަސް ޕެކޭޖެއް 5264 ރުފިޔާއަށް ވިއްކާ އިރު ޕްރިމިއަމް ޕެކޭޖެއް ވިއްކަނީ 7132 ރުފިޔާ އަށެވެ. އެޕެކޭޖުތައް ހަ މަހަށް ނުވަތަ 12 ނުވަތަ 18 މަހަށް ބަހާލައިގެން ފައިސާ ދެއްކެ އެވެ.