04 Apr 2016, 17:11
ރާމަﷲ (އޭޕްރިލް 4): އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނަށް ނިސްބަތްވާ، 18 އަހަރުން ދަށުގެ 241 ކުދިން އެބަތިބި ކަމަށް ފަލަސްތީނުގެ ހައްގުތަކާ ބެހޭ ޖަމްއިއްޔާއަކުން ބުނެފި އެވެ.
ފަލަސްތީނުގެ ކޮމިޝަން އޮފް ޑީޓެއިނީސް އެންޑް އެކްސް ޑީޓޭއިނީސް އެފެއާޒުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ހައްޔަރުކޮށްފައިވާ ކުޑަކުދިންގެ ތެރެއިން 94 ކުދިން ތިބީ އިސްރާއީލުގެ ވެސްޓު ބޭންކު ކައިރީ އޮންނަ އޮފާ ޖަލުގަ އެވެ.
އަދި އޭގެތެރެއިން 22 ކުދިންނަކީ 16 އަހަރުން ދަށުގެ ކުދިން ކަމަށާއި ދެކުއްޖަކަށް ބަޑިން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް ހާލަތުގައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން، ހަ ކުޑަކުދިން ޖަލަށް ލާފައި ވަނީ ޝަރީއަތަކާ ނުލައި ކަމަށާއި މިދިޔަ މަހުގެ ތެރޭގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޮފާ ޖަލުގައި ތިބި ކުޑަކުދިން ގާތްގަނޑަކަށް 22،474 ޑޮލަރުން ޖޫރިމަނާކޮށްފައި ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ 6،500 ރައްޔިތުން އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުން ޖަލަށް ލާފައި ވަނީ ޝަރީއަތަކާ ނުލަ އެވެ. ޝަރީއަތަކާ ނުލައި ޖަލަށް ލުމުގެ ސަބަބުންނާއި ހައްޔަރުކޮށްފައިވާ މީހުންނާ މެދު އަމަލު ކުރާ ގޮތުގެ ސަބަބުން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން އާއްމުކޮށް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރިއަށް ގެންދެ އެވެ. (ޕްރެސްޓީވީ)