04 Apr 2016, 15:58
އިސްލާމް އާބާދު (އެޕްރީލް 4):ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 53 މީހުން މަރުވެ އެތަށް ހާސްބަޔަކު ހާލުގައި ޖެހިއްޖެވެ.
ޕާކިސްތާނުގައި ފެންބޮޑުވީ އެގައުމުގެ އިރުއުތުރުގެ ސަރަހައްދުތަކުގައެވެ. ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވިގޮތުގައި ހުޅަނގު އުތުރުގެ ޚައިބަރު ޕަޚްތޫންޚުވާ ސަރަހައްދާއި ގިލިޓް ބަލަސިސްތާން އަށް ހުއްޓުމެއްނެތި ދެދުވަހު ވާރޭ ވޭހުމުގެ ސަބަބުން އެ ދެސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ. މީގެއިތުރުން ކަޝްމީރުގެ ޕާކިސްތާން ފަޅިކަމަށްވާ އާޒާދެ ކަޝްމީރުގައިވެސްވަނީ ފެންބޮޑުވެފައެވެ.
މިސަރަހައްދުތަކަށް މިއީ ރަބީއު މޫސުމެވެ. ރަބީއު މޫސުމުގައި ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއެވެ. އާންމު ގޮތެއްގައި ރަބީއު މޫސުމުގެ ވާރޭ ޕާކިސްތާނަށް ވެހެނީ މޭމަހުގެ ތެރޭގައެވެ. އަދި މޭމަހުގެ ކުރިން ވިއްސާރާވާނަމަ ފެންބޮޑުވެ ގެއްލުން ލިބޭވަރަށް އާންމުގޮތެއްގައި ވިއްސާރަ ކުރާކަމަށް ޕާކިސްތާނުގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން މިސަރަހައްދުތަކުގެ ބައެއް ވިލެޖްތައް ފެނުގެ އަޑީގައިވާއިރު އަނެއްބައި ވިލެޖްތައްވަނީ ފެނުގެ ސަބަބުން އެކަހެރިވެފައެވެ. އަދި ފެނުގެ ސަބަބުން ގެއްލުންލިބުނު އެތަށް ހާސްބަޔަކުވަނީ ރައްކާތެރި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ގެންގޮސް އެޑްމިޓްކޮށްފައެވެ.
ފެންބޮޑުވުމާއެކު ހާލުގައި ޖެހިފައިވާމީހުން ގެންދަނީ، ސަރުކާރުގެ އަޅާލުން ކުޑަކަމަށްބުނެ ޝަކުވާ ކުރަމުންނެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން ބުނަނީ ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށާއި އެމީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ސިފައިންވެސް ހަރަކާތްތެރިވަމުން ގެންދާކަމުގައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ވަގުތީ ފޭލިގެތައް ޖެހުމުގެ ކަންތައްވެސް ސިފައިން ކުރަމުން ގެންދާކަމަށް ވެއެވެ.
ހޫނު މޫސުމުގައާއި ރަބީއު މޫސުމުގައި ޕާކިސްތާނަށް ވަރަށް ވަރުގަދައަށް ވިއްސާރަ ކުރަމުންގެންދާތާވަނީ ހަތަރުވަރަކަށް އަހަރު ވެފައެވެ. ފާއިތުވި އަހަރުތަކުގައި ޕާކިސްތާނަށް ކުރި ވިއްސާރައިގާ އެތަށް ހާސް ބަޔަކު މަރުވެ އެތަށް މިލިޔަން ބަޔަކު ހާލުގައި ޖެހިފައިވެއެވެ. (ބީބީސީ)