04 Apr 2016, 17:06
މައްސަލަތައް ލަސްވުމުގެ އެއް ސަބަބަކީ ޒަމާނީ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް ނެތުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
"މިކަމަށް ހައްލު ގެނައުމަށްޓަކައި ދިވެހި ސަރުކާރުން މިހާރުވަނީ އަޅުގަނޑުމެންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވުމުގެ އަމަލީ މަސައްކަތް ފައްޓަވައިފައި، ބައެއް މިހާރު އެވަނީ ލިބިފައި،" ސީޕީ އަރީފު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ، މައްސަލަތައް އަވަހަށް ނިންމުމާއި ވަސީލަތްތައް ހޯދައި ކަންކަން އިދާރީ ގޮތުން ބެލެހެއްޓުމުގެ ނިޒާމެއް މިހާރު އުފައްދާފައިވާ ކަމަށެވެ.
"މިހާރު ކޮންމެ މައްސަލައެއް ވެސް ހުށަހެޅުމުން އެކި މުއްދަތުގެ ތެރޭގައި އެ މައްސަލަ އެކި ލެވެލްގެ ވެރީންނާ ހަމައަށް އުފުލެމުންދާ ގޮތް ވަނީ ހަމަ ޖެހިފައި. ގުޅައިލެވިފައި ވާ ކޮމްޕިއުޓަރު ވިއުގައަކުން މައްސަލައިގެ ތަފުޞީލުތައް ބެލެން ހުންނާނެ،" ސީޕީ އަރީފު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ، އެ ނިޒާމު އަމިއްލައަށް އެލާމު އަޅައި އޮޓޮމެޓިކުންވެސް ކަމާބެހޭ އޮފިސަރުންގެ ސަމާލުކަމަށް އެ މައްސަލަ ގެންނާނެ ކަމަށެވެ. އަދި އެ ބަދަލާ ގުޅިގެން ނަތީޖާ ވަރަށް ރަނގަޅު ކަމަށްވެސް ސީޕީ އަރީފު ވިދާޅުވި އެވެ.
"ދެ މަސްދުވަސް ވާއިރު ނުނިމިއްޖެ ނަމަ ކޮންމެ މައްސަލައެއް ވެސް ސީދާ އަޅުގަނޑާ ހަމައަށް އަންނާނެ. މި ބަދަލު ގެނެވުމުން އޭގެ ނަތީޖާ ވަރަށް ރަނގަޅު. ކުރީގައި 137 ދުވަހުން އާންމުކޮށް ނިމުނު ބާވަތްބާވަތުގެ މައްސަލަ، މިހާރު އާންމުކޮށް 36 ދުވަހުގެ ތެރޭގައި ނިމޭ،" ސީޕީ އަރީފު ވިދާޅުވި އެވެ.