ކިޔަވައިގެން ތިބި މިނިވަން ހިޔާލުގެ މީހުންނަށް ފުރުސަތު ނެތް ކަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުން އެނގިގެން ހިނގައްޖެ ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ކޮމިޓީ މަރުހަލާއިން އެންމެ މަތީ މާކްސް ލިބިވަޑައިގެންނެވި މަރިޔަމް ވަހީދާ (މަރީ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޮޑްކާސްޓިންގް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް މަޖިލީހުން "ރުހުން" ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ހަ ނަންފުޅަށެވެ. ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވި 23 ބޭފުޅުންގެ ލިސްޓުގެ ފުލުގައި އޮތީ މަރިޔަމް ވަހީދާގެ ނަމެވެ. ކޮމެޓީން އޭނާއާ އިންޓަވިއު ކުރެއްވުމުން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވުމުން، ކޮމިޝަނަށް އައްޔަން ކުރެއްވުމަށް އެންމެ ފުރަތަމަ މިއަދު ވޯޓަށް އެއްސެވީ އޭނާގެ ނަމަށެވެ. ނަމަވެސް ސަރުކާރި ހިންގާ ޕާޓީގެ މެމްބަރުންގެ ވޯޓުން އޭނާގެ ނަން ފާހެއް ނުކުރި އެވެ.

ތައުލީމާ ތަމްރީނާއި މަަސައްކަތު ތަޖުރިބާގެ އިތުރުން ގާބިލުކަމާއި އިންޓަގްރެޓީއަށް ބެލުމަށްފަހު މަރިޔަމް ވަހީދާއަށް ލިބިވަޑައިގެންނެވީ 81.3 މާކްސް އެވެ.

މަޖިލީހުގައި މިއަދު ނެގި ވޯޓާ ބެހޭ ގޮތުން "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެމުން މަރީ ވިދާޅުވީ ހަމަހަމަ ކަމާއެކު މަސައްކަތް ކުރާ މިނިވަން ހިޔާލުގެ ކިޔަވައިގެން ތިބި މީހުންނަށް ޖާގަ ނެތްކަން މިއަދު މަޖިލީހުގައި ނެގި ވޯޓުން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި އެއީ އުންމީދުކުރާ ގޮތެއް ނޫން ކަމަށާއި އެހެން އެކަން ވާނަމަ އެއީ ކުރިމަގަށް އޮތް ގެއްލުމެއް ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

މިއަދު ނެގި ވޯޓުން ކާމިޔާބު ނުވި ނަމަވެސް އަދިވެސް ހުންނެވީ ސާބިތުކަމާއެކު ކަމަށާއި ފަހަތަށް ނުޖެހި ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނެ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

"ކޮމެޓީ މަރުހަލާގައި އެންމެ މަތިން މާކްސް ލިބުނީމަ ވަރަށް އުފާވޭ. އޭރު ހަމަ އުންމީދުކޮށްގެން ހުރީ ދެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވެސް ކޮމިޓީގައި ތިބީމަ ފުރުސަތު ލިބިގެންދާނެ ކަމަށް. ނަމަވެސް މިނވަން ހިޔާލުގެ ކިޔަވައިގެން ތިބި މީހުންނަށް ޖާގަ ނެތްކަން އެނގިގެން ހިނގައްޖެ" މަރީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ފޮޓޯ/ މަޖިލިސް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ހަ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރި 6 ނަންފުޅު:

  1. މުޙައްމަދު ޝަހީބު، ހ. ރީތިގަސްދޮށުގެ

  2. ޒީނާ ޒާހިރު، ގދ. ގައްދޫ، އަތީރީގެ
  3. އާމިނަތު ސަހާރަތު ޢިއްޒަތު، ގ. ގޮފި
  4. ފާޠިމަތު ޒައިނާ، ކ. ދިއްފުށި، ހުވަނދުމާގެ
  5. އިސްމާއީލް ޞަފްވާން، ޅ. ހިންނަވަރު ފަހަލަ
  6. ހަސަން ނަބާހް، ވ. ވެރޯނިކާ، ކ. މާލެ
  • އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި މަރިޔަމް ވަހީދާއަށް ރުހުމެއް ނުދިން
  • ފާސްވާ މިންވަރަށް މާކްސް ނުލިބޭ ދެ ބޭފުޅަކު އައްޔަން ކުރަން ރުހުން ދިން

ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހަ ބޭފުޅަކަށް ރުހުން ދެއްވާފައިވާއިރު އޭގެތެެއިން ދެ ފަރާތަކީ ކޮމެޓީ މަރުހަލާގައި 75 ޕަސެންޓަށް ވުރެ ދަަށުން މާކްސް ލިބިވަޑައިގެންނެވި ދެ ބޭފުޅުން ނެވެ. އެ ދެ ބޭފުޅުންނަކީ ޞަފްވާން އާއި ނަބާހު އެވެ.

ކޮމެޓީ މަރުހަލާގައި އެ ބޭފުޅުންގެ ނަން ދިރާސާ ކުރުމުގައި އެންމެ ބޮޑަށް ބަލާނީ ތައުލީމާ ތަމްރީނާއި މަަސައްކަތު ތަޖުރިބާގެ އިތުރުން ގާބިލުކަމާއި އިންޓަގްރެޓީއަށާއި ހުނަރަށެވެ. އެކަންތައްތަކަށް ބެލުމަށްފަހު 75 ޕަސެންޓް މަތިން މާކްސް ލިބިވަޑައިގެނެންވި ބޭފުޅުންނަކީ ކޮމިޝަނަށް އައްޔަން ކުރަން ގާބިލް މީހުން ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިހާރު ހިމެނޭ މެންބަރުންގެ މަގާމުގެ މުއްދަތު މިއަދަށް ހަމަވާތީ އެވެ.

ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަން ކުރެވޭ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ އެ މެމްބަރަކު އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ކޮމިޝަނަށް އަލަން ހަ މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވާއިރު، އެ ކޮމިޝަންގައި ދައުރު ހަމަނުވާ އެންމެ މެމްބަރަކު އެބަ ހުންނެވި އެވެ.