ތަކެތީގެ އަގުއުފުލެމުންދާތީ މާލޭގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި 52 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި 18 އަހަރުން ދަށުގެ ފަސް ކުއްޖަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުރިން ރެއެކޭވެސް އެއްފަދައިން ރޭ ބޭއްވި މުޒަހަރާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔައިރު، ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުންދިޔަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ. އަދި މުޒާހަރާ ރޫޅާލީ އެ މުޒާހަރާ ހުއްޓާލާ، އެސަރަހައްދު ދޫކޮށްދިއުމަށް ތަކުރާރުކޮށް ފުލުހުން އިލްތިމާސްކުރުމަށްފަހު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ރޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކުރި ސަރަހައްދުގައި މޫނު ނިވާކޮށްގެން ތޫނު ވަޅިފަދަ ތަކެތި ހިފައިގެންވެސް ބަޔަކު ހަރަކާތްތެރިވަމުންދިޔަ ކަމަށާއި އޭގެތެރޭގައި ގޭންގް ހަދައިގެން މާރާމާރީ ހިންގުމާއި ވައްކަން ކުރުމާއި، ފޭރުންފަދަ މައްސަލަތަކުގައި އާއްމުކޮށް ބައިވެރިވަމުންދާ ފަރާތްތަކުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެފަދަ ބައެއް ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ރޭގެ މުޒާހަރާއާ ގުޅުގިގެން ފުލުހުން ހައްޔަރުކޮށްފައިވާ 52 މީހުންނަކީ އެކި ގްރޫޕްތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

ފުލުހުންގެ އެ ނޫސްބަޔާނެއްގައި އަދި ބުނެފައިވަނީ ރޭ ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރުމަށް އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާ ދިމާއަށް ޕެޓްރޯލް ބޮމާއި ތަފާތު އެހެނިހެން ތަކެތި އުކުމުގެ ސަބަބުން ބައެއް ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. އަދި އެއްވެފައިތިބި މީހުންގެ ތެރޭގައިތިބި ބަޔަކު ދޭތެރެ ދޭތެރެއިން ގަލާއި، ޕެޓްރޯލް ބޮމާއި، ފެންފުޅި އަދި މިރުސްޕަކެޓްފަދަ ތަކެތިން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހަމަލަދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ގިނައަދަދެއްގެ ޒުވާނުންނާއި އިދިކޮޅު ބައެއް ސިޔާސީ ޕާޓީތައް ގުޅިގެން ރޭ ބޭއްވި އެމުޒާހަރާ ކުރިއަށްދިޔައިރު އެސަރަހައްދުގައި ހުންނަ ޒިކުރާ މިސްކިތުގެ ފާހާނާތެރޭގައި ޕެޓްރޯލް ބޮންހަދަމުންދިޔަ ބަޔަކު ވެސް ފުލުހުން ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ޖޫސްޕެޓީ ކޮތަޅުތަކަކަށް ޕެޓްރޯލް އަޅައިގެން ގޮވާފަދަ އެއްޗެއް ހަދަމުންދަނިކޮށް ކަމަށާއި އެތަކެއްޗަކީ މީހަކަށް ހަމަލާދީފިނަމަ ގައިގައި ރޯވެ ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް ހިނގައިފާނެ ތަކެތި ކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މާލޭގައި ގޭންގް ހަދައިގެން ހިންގާ ތަފާތު ކުށްތައް އިތުރުވެ، ރައްޔިތުންނަށް އެކަމުގެ ބިރުވެރިކަން އިންތިހާއަށް ފޯރާފައިވާ މިފަދަ ދަނޑިވަޅެއްގައި ރޭ ކުރިއަށްދިޔަ މުޒާހަރާގެ ކުރީ ސަފުގައި ގޭންގްތަކަށް ނިސްބަތްވާ ފަރާތްތަކުން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި އެއީ ކުށްތައް ހުއްޓުވުމަށް ފުލުހުން މިހާރު ކުރަމުންގެންދާ މަސައްކަތަށް ވަރަށްބޮޑަށް ހުރަސްއެޅި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއްކަން ފުލުހުންގެ އެނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މާލެ އާއި ރަށްރަށް އަމާންތަކަށް ހެދުމަށް ފުލުހުން ފަށާފައިވާ މަސައްކަތަށް ހުރަސްއެޅޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށާއި ގްރޫޕް ހަދައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލޭއާއީ ރަށްރަށުގައި ހިންގަމުން ގެންދާ ގޭންގް ކުށްތައް ހުއްޓުވުމަށް ސިޔާސީ ފަރާތްތަކުންވެސް މަސައްކަތްކޮށްދިނުމަށް ވެސް އެނޫސްބަޔާނުގައި ފުލުހުން ވަނީ ގޮވާލާފަ އެވެ.