04 Apr 2016, 15:33
ބޯހޯލްތަކަށް ދިމާވި މައްސަލައާ ގުޅިގެން އިއްޔެ ފެން ނުލިބުނު ނަމަވެސް މިއަދު ޕްރެޝަރުގައި ފެންދޫކޮށްފައިވާ ކަމަށާއި ނަމަވެސް މިރޭ 12 އިން ފަތިހު 5:30 ހަށް ޕްރެޝަރު ދައްކޮށްލާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.
އެމްޑަބުލިއުއެސްސީއިން އާންމުންނަށް ފެން ފޯރުކޮށްދެމުންދާ ބޯހޯލްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން ފެން ކެނޑި އާންމުން ވަނީ ފެނަށް ޖެހިފަ އެވެ. އެކަމާއި ގުޅިގެން އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑަބުލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ، އިއްޔެ އާންމުންނަށް ދިމާވި ދަތިތަކަށްޓަކައި މާފަށް އެދޭ ކަމަށެވެ.
މިއަދު ޕްރެޝަރުގައި ފެންދޫކޮށްފައިވީ ނަމަވެސް "ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި" މިރޭ 12 އިން ފެށިގެން ފަތިހު 5:30 ހާ ހަމައަށް ފެނުގެ ޕްރެޝަރު ދައްކޮށްލާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އިއްޔެ ބޯހޯލްތަލަށް ދިމާވި މައްސަލައާ ގުޅިގެން ދިމާވީ "ކްރިޓިކަލް މައްސަލައެއް ނޫން" ކަމަށާއި ނަމަވެސް އެކަން އަނބުރާލުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކަކުން މަސައްކަތް ކުރަމުން ދިޔަ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.
" ފެނުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރިއަށް ގެންދެވުނު އިރުގައި ހަމަ ދަންނަވާލަން ބޭނުންވޭ ތަފާތު އެކި މައުލޫމާތުތައް މީޑިއާ މެދުވެރިކޮށް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިންވެސް ދޮގު މައުލޫމާތު ގެނެސްދީފައިވޭ. އެހެންވީމަ މިފުރުސަތުގެ ބޭނުން އަޅުގަނޑު މިކުރަނީ ރައްޔިތުންނާއި ހަމައަށް ތެދު މައުލޫމާތު ގެނެސްދިނުމަށް،" ފަޒުލް ވިދާޅުވި އެވެ.
ފެންފޯރުކޮށްދޭ ބޯހޯލްތަކަށް ކަރަންޓު ދެނީ ސްޓެލްކޯ އާއި ދެކުންފުނިން ބަހާލައިގެން ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސްޓެލްކޯއަށް ދިމާވާ ކޮންމެ ދައްޗަކީ އެމްޑަބުލިއުއެސްސީއަށް ދިމާވާ ދައްޗެއް ކަމަށާއި އެއީ ރައްޔިތުންނަށްވެސް ދިމާވާ ދައްޗެއް ކަމަށެވެ. ފަޒުލްވިދާޅުވީ، ދެކުންފުނި ގުޅިގެން މަސައްކަތްކުރާއިރު ސްޓެލްކޯއަށް ދިމާވާ ކަމަކުން ފެން ކުންފުނިންވެސް އެކަން ތަހައްމަލުކުރަން ޖެހިދާނެ ކަމަށެވެ. އަދި އެއީ ހަމައެކަނި ރާއްޖޭގައި ހިނގާކަމެއް ނޫންކަމަށް ފަޒުލް ވިދާޅުވި އެވެ.
ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީ އިން އިއްޔެ ބުނީ، މިދިޔަ ހޮނިހިރު ދުވަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއެކު ބޯހޯލްތަކާއި ޑިސްޓްރިބިއުޝަން ޕަމްޕުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ތިން ވަނަ ބުރިން މަތީ ފުލޯތަކަށް އިއްޔެ ފެން ލިބުމުގައި ދަތިތަކަކާއި ކުރިމަތިވި ކަމަށެވެ.
ފެނުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެކުންފުނިން އިއްޔެ މަސައްކަތް ކޮށްފައިވާއިރު ފުރަތަމަ އިއުލާން ކުރީ އިރުއޮއްސެން ވާއިރަށް އެމައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. ނަމަވެސް އެހާތަނަށް އެމައްސަލަ ހައްލު ނުކުރެވުމުގެ ސަބަބުން ދެން ވަގުތީގޮތުން ވަނީ ދެ ގަޑިއިރަށް ފެން ދޫކޮށްފައެވެ.