ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް މިއަދުން ފެށިގެން ދާއިމީ ގޮތެއްގައި ހިމާޔަތްކޮށްފައިވާ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން މޮރެޓޯރިއަމް އެއް މެދުވެރިކޮށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެލާ ކަހަނބު ހިމާޔަތްކޮށްފައިވެ އެވެ.

އެގޮތުން މޮރެޓޯރިއަމް އެއް މެދުވެރިކޮށް 1995 ވަނަ އަހަރު 10 އަހަރަށް އަދި އޭގެ ފަހުން 2005 ވަނަ އަހަރު ހަމަ އެ މޮރެޓޯރިއަމް ގެ ތެރެއިން 10 އަހަރަށް ވެލާ ކަހަނބު ވަނީ ހިމާޔަތްކޮށްފައެވެ.

އެންވާރަމަންޓް މިނިސްޓްރީން މިއަދުގެޒެޓްކުރި އިއުލާނެއްގައިބުނެފައިވަނީ، ވެލައާއި ކަހަބުގެ ހުރިހާ ބާވަތެއް ދާއިމަށް ހިމާޔަތްކޮށްފައި ވަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު" ގެ 4ވަނަ މާއްދާ (ހ) ގެ ދަށުން ކަމަށެވެ.

މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައި ވަނީ ފަސް ވައްތަރެއްގެ ވެލާ ކަހަނބެވެ. އެއީ،

  • ވެލާ

  • ކަހަނބު
  • ވާވޮށި ވެލާ
  • ބޯބޮޑު ވެލާ
  • މުސިންބި

ވެލާ ކަހަނބު ހިމާޔަތްކުރުމާ ގުޅިގެން ކުރުން މަނާ ކަންތައް

  • ވެލާ ކަހަނބުގެ ބާވަތްތައް ހިފުން

  • ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާ ކުރުން
  • ވެލާ ކަހަނބު ގެންގުޅުން
  • ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން
  • ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން
  • ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން
  • އެއްވެސް ފަރާތަކުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުހޯދައި ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އާލާކުރުމުގެ މަސައްކަތްކުރުން.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، ވެލާ ކަހަނބާ ގުޅޭ ދިރާސާތައް ކުރުމާއި ވެލާ ކަހަނބު އަލާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިޔުމަކުން އަންގައި އެކަމަށް ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެކަމާ ހިލާފުވާ ފަރާތްތަކަށް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އަދަބު ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އަދަބު ލިބޭގޮތް

  • ގެއްލުންދޭ ކޮންމެ ވެލާ ކަހަނބަކަށް 30000 ރުފިޔާ

  • އެއްވެލާ ކަހަނބަށްވުރެއް ގިނަނަމަ އިތުރުވާ ކޮންމެ ވެލާ ކަހަނބަކަށް 35000 ރުފިޔާ
  • ވެލާ ކަހަނބު އާއްމުކޮށް ބިސްއަޅާ ސަރަހައްދެއްނަމަ އަކަމީޓަރަކަށް 12،600 ރުފިޔާ. ގެއްލުމުގެ ނިސްބަތުން އިތުރުވަމުންދޭ

ވެލާ ކަހަނބު ހިމާޔަތްކުރުމަށް މިއަދު ނެރުނު އިއުލާނާ ގުޅިގެން މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ބައެއް ހިސާބުތަކުގައި ވެލާގެ އާބާދީ މަދުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ތަރައްގީއަކީ ވެސް ސަރުކާރުން ގެންނަން ބޭނުންވާ އެއްޗެއް ކަމަށާއި ނަމަވެސް ރާއްޖޭގެ އިގްތިސާދު އޭގެ މައްޗަށް ބަރޯސާވެފައި އޮންނަ މަސްވެރިކަމާއި ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއްޗަކީ ތިމާވެށި ކަމަށެވެ.

ރާއްޖޭގެ އެކި ގާނޫނުތަކުގެ ތެރެއިން ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާއެކު 103 ބާވަތެއްގެ ދޫންޏަކާއި މަޑީގެ ހުރިހާ ބާވަތަކާއި ކަންޒު ކަހަނބެއްގެ އިތުރުން ބ. އަތޮޅުގައި އޮންނަ ބަޔޯސްފިއާ ރިޒާވް އާއެކު ރާއްޖޭގެ 42 ސަރަހެއްދެއް ވަނީ ހިމާޔަތްކޮށްފައެވެ.