04 Apr 2016, 16:57
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ގަނެވިއްކުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް، ނުއަގުގައި ޑޮލަރު ވިއްކާ މައްސަލައެއް ކަމާ ގުޅޭ އެއްވެސް މުއައްސަސާއަކުން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށް އެފަރާތުން މިއަދު ބުނެފި އެވެ.
ނުއަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމެޓީއަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ކޮމިޓީއަށް މިއަދު ވަނީ ފުލުހުން ހާޒިރުކޮށް މައުލޫމާތު ސާފުކުރައްވާފަ އެވެ.
މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނުއަގުގައި ޑޮލަރު ވިއްކައިގެން ފުލުހުންނަށް ހުށަހެޅިފައި ވަނީ ތިން މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ، އެ ތިން މައްސަލަ އަކީ ވެސް އެއް ޒާތެއްގެ މައްސަލަތަކެއް ކަމަށެވެ.
ނަވާޒު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅުނު އެ ތިން މައްސަލައަކީ ބޭންކުތައް ކައިރީގައި ބިދޭސީންތަކެއް ނުއަގުގައި ޑޮލަރު ވިއްކުމުގެ ތިން މައްސަލަ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކަށް އެކަމުގައި ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށާއި ނަސޭހަތް ދިނުމަށްފަހު ފޮނުވާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓު މުހައްމަދު ރިޔާޒު ވިދާޅުވީ، ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެފަހުން ޑޮލަރު ވިއްކުގެ ލައިސަންސް ނެތި ނުއަގުގައި ޑޮލަރު ވިއްކައިގެން ޖިނާއީ މައްސަލައެއް ބެލިފައި ވަނީ އަހަރުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގައި މިއަހަރު ކްރިމިނަލް ކޯޓުން ނުއަގުގައި ޑޮލަރު ވިއްކި ފަރާތަށް ހުކުމް ކޮށްފައިވާ ކަމަށާއި އެގޮތުން 10،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރި ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ދެހާސް ބާރަވަނަ އަހަރުން ފެށިގެން މިބާވަތު އެއްވެސް މައްސަލައެއް އެއްވެސް އިދާރާއަކުން ފުލުހުންގެ އިދާރާއަކަށް ހުށަހަޅާފައެއް ނުވޭ. އެއީ މި ބާވަތުގެ މައްސަލަތައް ބޮޑުވެގެން، ނޫނީ މިބާވަތުގެ މައްސަލަތަކުގެ ޝަކުވާ ބޮޑުވެގެންނެއް ހުށަހަޅާފައެއް ނުވޭ. ނަމަވެސް ކުރިން މި ފާހަގަކުރި މައްސަލަތަކަކީ ވެސް އާއްމު ފަރުދުން ރިޕޯޓުކޮށްގެން ބަލާފައިވާ މައްސަލަތައް،" ރިޔާޒު ވިދާޅުވި އެވެ.
ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ފުލުހުންނަކީ އަމިއްލައަށް އިސްނަގައިގެން ވެސް މައްސަލަތައް ބެލުމުގެ ބާރު ގާނޫނުން ދީފައިވާ މުއައްސަސާއެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ، ނުއަގުގައި ޑޮލަރު ވިއްކުމުން އެކަމުގެ ދަތިކަން އިހުސާސް ކުރަމުން ދަނީ އާއްމު ރައްޔިތުން ކަމަށެވެ.
ރިޔާޒު ވިދާޅުވީ، ނުއަގުގައި ޑޮލަރު ވިއްކުމަކީ ވަރަށް ރޭވުންތެރިކަމާއި އެކީ ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.
"މިކަން މިކުރަނީ ވަރަށް ފުޅާ ދާއިރާއެއްގައި ބޭންކާވެސް ވަރަށް ގުޅިގެން. އަދި ރާއްޖެއަށް ބޭރު ފައިސާ ވަންނަ ރިސޯޓުތަކުގެ އޯނަރުންނާއި އަދި މަސް ބޭރުކޮށްގެންނާއި އެގޮތް މިގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިކަން ކުރަނީ. އެހެންވީމަ މިކަން ހައްލު ކުރާކަށް މިއީ އެއްވެސް ކަމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މަނިޓަރީ ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުން ފަހަތުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ގާނޫނު ތަންފީޒު ކުރަން ހުރަސް އެޅެނީ ކޮންމެވެސް ސަބަބުތަކަކާއި ހެދި ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"ބޭންކުން ލާރި ނަގައިގެންހަމަ ދާއިރު އެބަ އަހާ ކޮބާ ވިއްކަންހޭ، ކިހާ ވަރަކަށްހޭ. ބޭންކް އޮފް މޯލްޑިވްސް ތެރެ އޮންނާނީ ހަމަ ތޮށްޖެހިފައި. ޑޮލަރު ވިއްކާ މީހުން. އެކަމަކު މިފަދަ މަންޒަރުތައް ހަމަ ފެންނަ އިރުގައިވެސް ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން ފިޔަވަޅު އަޅާފައެއް ނުވޭ. މިއީ ހިތާމަހުރި ކަމެއް،" ޣަފޫރު ވިދާޅުވި އެވެ.
އޭސީޕީ ނަވާޒު ވިދާޅުވީ، ބަޔަކު މީހުން ހިފާ ހައްޔަރުކޮށް، ނުވަތަ ކުށްވެރިކޮށްގެން ނުއަގުގައި ޑޮލަރު ވިއްކާ މައްސަލައަށް ހައްލެއް ލިބިގެން ނުދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ގާނޫނުތައް އިތުރަށް ހަރުދަނާކޮށް، ކަމާ ގުޅޭ މުއައްސަސާތަކުން މަޝްވަރާ ކޮށްގެން ނޫން ގޮތަކަށް އެކަމަށް ހައްލެއް ލިބިގެން ނުދާނެ ކަމަށެވެ.
ނުއަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވެސް މިދިޔަ މަސް ތެރޭގައި ވަނީ މާލިއްޔަތު ކޮމެޓީއަށް ަ އެވެ.