04 Apr 2016, 14:46
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 50 މީހަކަށް ޓީބީ ޖެހިފައިވާ ކަމަށް ބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް އެމްޑީޕީ އިން މައްސަލަ ހުށަހަޅާފައި ވީނަމަވެސް، މަރުކަޒުގައި ތިބި އެއްވެސް މީހަކު ޓީބީ އަށް ޕޮޒިޓިވް ނުވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
ގުރައިދޫ މަރުކަޒުގައި ތިބި ގިނަ ބަޔަކަށް ޓީބީ ޖެހިފައިވާ ކަމަށް ބުނެ އެމްޑީޕީ އިން އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހުށަހަޅާފައި ވަނީ މިއަދު އެވެ.
އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ތިން މަޖިލިސް މެމްބަރުން ކަމަށްވާ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް އެވެ.
ތިން މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، އެ މަރުކަޒުގައި ތިބި 50 މީހެއްގެ އިތުރުން މަރުކަޒުގައި މަސައްކަތް ކުރާ ބައެއް މީހުންނަށް ވެސް ޓީބީ ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީ އިން "ސަން"އަށް މިއަދު ބުނީ، މަރުކަޒުގައި ތިބި މީހުން ގަވާއިދުން ސްކްރީން ކުރަމުން އަންނަ ކަމަށާއި، މިދިޔަ އަހަރުގެ ފަހުކޮޅުގައިވެސް އެންމެން ސްކްރީން ކުރި އިރު އެފަދަ އެއްވެސް ކަމެއް ފެންމަތިވެފައި ނުވާ ކަމަށެވެ.
"މިދިޔަ އަހަރުވެސް ޓެސްޓު ކުރެވުނު. މިހާރުވެސް ސްކްރީނިން ކުރިއަށްދޭ އެބަ. އަދިއެއް އެއްވެސް މީހަކު ޕޮޒިޓިވް އެއް ނުވެ" ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީހުން ބަންދުގައި ބައިތިއްބައިގެން ގެންގުޅޭ ހުރިހާ މަރުކަޒެއްގައިވެސް ގަވާއިދުން ޓީބީއަށް ޓެސްޓު ކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ކަންކުރާ އުސޫލެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ މަޖިލީހަށް ހުށަހެޅީ ކޮންތަނަކުން ލިބުނު މައުލޫމާތެއްކަން ސާފު ނުވާ ކަމަށެވެ.