04 Apr 2016, 17:17
ޒުވާނުންނަށް ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބައިވެރިވެއްޖެ އެވެ.
ސުކީމުގައި ބައިވެރިވުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނާ އެކު ހޯމް މިނިސްޓްރީން މިއަދު ސޮއިކޮށްފައިވާ އިރު، އެ މިނިސްޓްރީއަކީ އެ ސުކީމުގައި ބައިވެރިވި ފުރަތަމަ ސަރުކާރުގެ އިދާރާ އެވެ.
އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އުމަރު ނަސީރެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޔާމީން އިދްރީސެވެ.
މުވައްޒަފުންގެ ސުކީމުގައި މިހާތަނަށް ބައިވެރިވެފައި ވަނީ ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމަށްވާ، އެސްޓީއޯ އާއި އެޗްޑީސީ އެވެ. އަދި ގިނަ ކުންފުނިތަކުން އެ ސުކީމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
މުވައްޒަފުންގެ ސުކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާ އަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސުކީމެކެވެ. އަދި ސްކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.