އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލު ހާޒިރުކުރި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން މިއަދު ސިއްރުކޮށްފި އެވެ.

އެ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ. އަދި އެއްވެސް މެމްބަރަކު އެކަމަށް އިއުތިރާޒު ނުކުރައްވާތީ ކޮމެޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ނިންމެވީ ކޮމެޓީ ސިއްރު ކުރާށެވެ.

މިނިސްޓަރު ތާރިގާއި ފެނަކައިގެ އެމްޑީ ނިމާލު ހާޒިރު ކުރުމަށް ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ކޮމެޓީގެ މެމްބަރުންގެ ސަމާލުކަމަށް ގެންނެވި އެ މައްސަލަ ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ފަހު އެ މަސައްކަތް ޒިންމާދާރުކަމާ އެކީ ބަލަހައްޓާނެ ކުންފުންޏެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކުންފުންޏަކީ އެފަދަ މަސައްކަތް ކުރަން އެނގޭ ކުންފުންޏަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިހާރު މި ގެންދާ އުސޫލު ބަދަލުކޮށް ސަރުކާރުން އެބަޖެހޭ މިކަން ކުރެވޭވަރުގެ ކުންފުންޏަކާ މަސައްކަތްތައް ހަވާލުކުރަން. މިހާރު މި މަސައްކަތްތައް ދަނީ އެއްވެސް އުސޫލަކުންނެއް ނޫން. އެންވަޔަރަމަންޓް މިނިސްޓްރީގެ ތެރެއިން ޓެންޑާކޮށްގެން ވެސް މިކަން އެބަ ކުރޭ،" ގަފޫރު ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައަކީ ރަނގަޅު ނަރުދަމާއެއް ނެތުމާއި ސާފު ބޯފެން ނުލިބުމުގެ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ހައްލު ގެނައުމަށް ސަރުކާރު ބާރު ސުޕީޑުގައި މަސައްކަތް ކުރަމުންދާ އިރު އެކަން ކުރަމުންދަނީ ބަޖެޓަށް އެންމެ ލުއިކޮށްތޯ ބަލަން ޖެހޭ ކަމަށެވެ.

"އެމްޑަބްލިއުއެސްސީން އަޅުގަނޑު ނިސްބަތްވާ ދާއިރާގައި ނަރުދަމާގެ މަސައްކަތް ކުރަން ބުނީ 60 މިލިއަން ރުފިޔާ އަށް. އަޅުގަނޑު ބުނިން އަޅުގަނޑުގެ ދާއިރާވިއަސް އެ އަގުގައި އެކަން ކުރާކަށް ބޭނުމެއް ނޫނޭ. އެންމެފަހުން އިތުރު ކުންފުނިތަކާ އެކު މަޝްވަރާ ކުރީމަ އެއްކަލަ 60 މިލިއަނަށް އެމްޑަބްލިއުއެސްސީން ބުނި މަސައްކަތް ތިރިވީ 30 މިލިއަނަށް،" ރިޔާޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރުމަށް 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދިނުމަށް މާލިއްޔަތު ކޮމެޓީގެ މެމްބަރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.