މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، ގަވާއިދާ ހިލާފަށް ހުޅުމާލޭ މަގުތަކާއި ދުވާރުތައް މަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލެ މަގުމަތީގައްޔާއި މީހުން ހިނގާ ދުވާރު މަތީގައި ގަވާއިދާ ހިލާފަށް ތަކެތި ބަހައްޓަމުން އަންނަ ކަމަށާއި، އެކަން އިތުރުވަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެފަދަ ކަންކަމުގެ ސަބަބުން، ހުޅުމާލޭގެ ހިތްފަސޭހަކަން ގެއްލި، ދުވާރު މަތިން ހިނގާނެ ޖާގަ ގެއްލި ހިނގާ މީހުން ދުވާރު ބޭނުން ނުކޮށް މަގުމަތީގައި ހިނގުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި (އޭޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށް) ހުޅުމާލޭގެ މަގުތަކާއި ދުވާރުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެޗްޑީސީ އިން ވަނީ އެދިފަ އެވެ.

އެޗްޑީސީ އިން ބުނީ، އެ މުއްދަތުގައި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނުނަގައިފި ނަމަ، އެ ތަކެތި އެ ކޯޕަރޭޝަނުން ނަގާނެ ކަމަށްވެސް އަންގާފައިވާ ކަމަށެވެ.

ހުޅުމާލެ އަކީ ހިތްފަސޭހަ ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް، ހުޅުމާލެއިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުތަކުގެ ދުވާރު މަރާމާތު ކުރުމުގެ މަސައްކަތްވެސް މި މަހުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.