04 Apr 2016, 12:07
ކުރީގެ ދުނިޔޭގެ ޓޭބަލް ޓެނިސް ޗެމްޕިއަނެއް ކަމަށްވާ ޗައިނާގެ ޖިއަންގް ޖިއަލިއަންގް ރާއްޖެ އަތުވެއްޖެ އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނިގޮތުގައި، ކުރީގެ ދުނިޔޭގެ ޗެމްޕިއަން ޖިއަލިއަންގް، އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައިވަނީ ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހާ ގުޅިގެން ރާއްޖޭގައި ބާއްވާ "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތަށެވެ.
ޗައިނާގެ ޖިއަންގް ޖިއަލިއަންގް އަކީ 80ގެ އަހަރުތަކުގައި ވޯލްޑް ޗެމްޕިއަންޝިޕް، ވޯލްޑް ކަޕް އަދި އޭޝިއަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.
ޖިއަލިންގް ވަނީ 1985 އަދި 1987ގެ ވޯލްޑް ޗެމްޕިއަންޝިޕުގެ ސިންގަލްސް އިވެންޓުން ރަން މެޑެލް ހޯދައިފަ އެވެ. އޭގެ އިތުރުން 1984 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސިންގަލްސް އިވެންޓުން ރަން މެޑެލެއް ޖިއަލިއަންގް ހޯދިއިރު، 1986ގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ސިންގަލްސް އިވެންޓުން އޭނާ ރަން މެޑެލެއް ހޯދާފައިވެއެވެ. އޭނާ ވަނީ ޓީމު އިވެންޓުތަކުން ވެސް ރަން މެޑެލްތަކެއް ހޯދައިފަ އެވެ.
އެންމެންނަށް ވެސް ޓޭބަލް ޓެނިސްގެ ނަމުގައި އަންނަ ބުދަ ދުވަހު ފަށާ ހަރަކާތް 24 ގަޑިއިރު ވަންދެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ޓީޓީ އެސޯސިއޭޝަނުން ނިންމާފައިވެ އެވެ.
އަންނަ ބުދަ ދުވަހު ހަވީރު 5:00ގައި އެ ހަރަކާތް ފެށްޓުމަށް ހަމަޖެހިފައިވަނީ ރަސްފަންނުގަ އެވެ. އެއަށްފަހު އެ ރޭގެ 8:00ގައި ހަރަކާތް ހުއްޓުމަކަށް ނުގެނެސް، ސޯޝަލް ސެންޓަރުގައި ހުންނަ ޓީޓީ ހޯލަށް ބަދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. އެ ހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 5:00ގައެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ، "އެންމެންނަށް ވެސް ޓޭބަލް ޓެނިސް" ހަރަކާތުގެ މަގުސަދަކީ ވާދަވެރި މެޗުތަކެއް ކުޅުމަށްވުރެ ބޮޑަށް، ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުން ކަމަށާއި ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް ޓީޓީ ކުޅުމުގައި ބައިވެރިވެވޭނެ ކަމަށެވެ.
ރަސްފަންނުގައި ހަރަކާތް ފެށުމަށް ބާއްވާ ރަސްމިއްޔާތަށްފަހު، ޖިއަލިއަންގްއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ވެސް ޓީޓީ އެސޯސިއޭޝަނުން ނިންމާފައިވެ އެވެ.