04 Apr 2016, 12:11
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޓީޑީސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ކަނޑައަޅާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ 3:00ގެ ކުރިން ހުޅުވާލާފައިވާ ކަމަށެވެ.
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެމްޓީޑީސީގެ ނޮމިނޭޝަން ކޮމެޓީއިން ހޮވާ ފަރާތްތަކުގެ ނަންތައް އަހަރީ އާއްމު ޖަލްސާގެ ކުރިން އިއުލާން ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއަށް ފަހު އެ ޖަލްސާގައި އެފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.
ޓޫރިޒަމްގެ ވިޔަފާރިކުރާ އެމްޓީޑީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާއަކަށް ޖެހިފައި ވަނީ 0.05 ޑޮލަރެވެ.