04 Apr 2016, 14:32
ޕެނަމާ ސިޓީ (އޭޕްރިލް 4):ދުނިޔޭގެ އެންމެ ބޮޑު އެއް ލޯ ފާމް ކަމަށްވާ މޯސެކް ފޮންސެކާއިން ވަނީ ގިނަ އަދަދެއްގެ މުއްސަނދިންނަށް ސިއްރު އެކައުންޓުތައް ހަދަން އެހީތެރިވެދީފައި ކަމަށް އެކުންފުނިން ލީކުވި ޑޮކިއުމެންޓުތަކުން ދައްކައިފި އެވެ.
މޯސެކް ފޮންސެކާއިން ވަނީ އެކުންފުނީގެ ކްލައަންޓުންނަށް މަނީ ލޯންޑާ ކުރުމާއި ޓެކްސް ނުދައްކައި ވާނެ ގޮތްތަކާ ބެހޭ ގޮތުން ލަފާ ދީފައި ކަމަށް "ޕެނަމާ ޕޭޕާސް"ގެ ނަން ދީފައިވާ ޑޮކިއުމެންޓުތަކުން ދައްކުވައިދެ އެވެ.
ލީކުވި ޑޮކިއުމެންޓުތަކުން މޯސެކް ފޮންސެކާގެ އެހީ ހޯދާފައިވާ ފަރާތްތަކުގެ ތެރޭގައި އެކި ގައުމުތަކަށް ނިސްބަތްވާ 140 ސިޔާސީ ފަރާތްތަކާއި 12 ގައުމެއްގެ ރައީސުންނާއި ކުރީގެ ރައީސުން ހިމެނެ އެވެ. އޭގެ ތެރޭގައި ރަޝިއާގެ ރައީސް، ވްލަޑިމިއާ ޕުޓިން އައީ މިސްރުގެ ކުރީގެ ރައީސް، ހުސްނީ މުބާރަކާއި ލީބިޔާގެ ކުރީގެ ރައީސް، މުއައްމަރުލް ގައްޒާފީ އާއި ސީރިޔާގެ މިހާރުގެ ރައީސް ބައްޝާރުލް އަސަދުގެ ގާތް ފަރާތްތަށް ހިމެނެ އެވެ.
އިންޑިއަން އެކްސްޕްރެސް އިން ބުނާ ގޮތުގައި އެލިސްޓުގައި އިންޑިއާގެ 500 ރައްޔިތުން ހިމެނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަމީތާބު ބައްޗަނާއި އައިޝްވާރިޔާ ރާއީ ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ފަރާތްތަކުގެ ނަންތައް ވެސް އެ ލިސްޓުގައި ހިމެނެއެވެ.
މޯސެކް ފޮންސެކާ އިން ވަނީ އެކުންފުނި ހިންގާތާ 40 އަހަރުވެފައިވާ އިރު އެކުންފުންޏާ ދެކޮޅަށް އެއްވެސް ފަރާތަކުން ކުށުގެ ދައުވާ ކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. (ބީބީސީ)